Ads by
ޚަބަރު
ރަށު ތަރައްޤީއަށް މުހިންމު ކަންކަން މާރަންދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު މާރަންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، މާރަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކަރަންޓާއި ލެބޯޓްރީ އަދި ބޭންކުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާކަން ހިމެނެއެވެ. އަދި ކުޅިވަރުގެ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަން ކައުންސިލުގެ ފަރާތުން ރައީސް އާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލް އިދާރާއަށް އާ އިމާރާތެއް ބޭނުންވާ ކަމަށާއި މާރަންދޫފަރު، މާރަންދޫގެ އިހުތިސާސްގެ ތެރެއަށްލުމަށް ރަށުގެ އިސްރަށްވެހިން ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ބަނދަރުގެ މަޝްރޫޢު ބާރަށް ކުރިއަށް ގެންދަން ބޭނުންވާ ކަމުގައި ވެސް ކައުންސިލުން ދެންނެވިއެވެ.

މާރަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކަނބަލުންނަށް މަސައްކަތްކުރެވޭނެ މާހައުލެއް ބޭނުންވާ ކަމުގައި ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީތަކަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް އ.ތ.މ ކޮމިޓީގެ މެންބަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސް އާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި މާރަންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯދުމަށް ބައްލަވާނެ ކަމުގައެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *