ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، (ސީއެޗްއެސީ) މާލެއަށް އިތުރުކުރާ ބައިގެ މަސައްކަތް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
ސީއެޗްއެސްއީ މާލޭގެ ދެކުނު ފަރާތުގައި އޮތް ހުސްބިމުގައި 7 ފަންގިފިލައަށް އިމާރާތް ކުރާބައިގެ މަސައްކަތް ޔެސް މޯލްޑިވްސްއާ ހަވާލުކުރީ 51.6 މިލިޔަން ރުފިޔާއަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު، އަހުލާމް ރުޝްދީއެވެ.
މި އެއްބަސްވުމުގެ ދަށުން ސީއެޗްއެސްސީގެ އެނެކްސް އިމާރާތް ކުރަނީ 7 ފަންގިފިލާއަށް، ސީއެޗްއެސީ މާލޭގެ ދެކުނު ފަރާތުގައި އޮތް ހުސް ޖާގައިގައެވެ.
މި އިމާރާތުގައި ހުންނާނީ، 15 ކުލާސްރޫމާއި 4 ސައިންސް ލެބާއި ސްޓާފް ރޫމަކާއި ލީޑިން ޓީޗަރުންނަށް ޚާއްޞަ ރޫމެއްގެ އިތުރުން އެޑްމިނިސްޓްރޭޝަން އޮފީހެކެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ މަތީ ސާނަވީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ތެރެއިން، މާލޭގައި ކިޔަވައިދިނުމުގެ ޖާގަ އިތުރުކުރުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢެއްކަމަށެވެ.
ސީއެޗްއެސްއީ މާލެއަށް އިތުރުކުރާ ބަޔާއެކު އެ ސްކޫލުގެ ޖާގަ ދެގުނަވެގެންދާނެއެވެ. އެއާއެކު އޭލެވެލް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ސްކޫލުން ޖާގަ ލިބިގެންދާނެއެވެ.
https://twitter.com/MoEdumv/status/2018939757074784655
ސީއެޗްއެސްއީ މާލެ އަލުން ހުޅުވި، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ކިޔެވުން ފެށީ 800 އާ ކައިކުރާ އަދަދެއްގެ ދަރިވަރުންނާއެކުގައެވެ.









