ކުޑަކުދިންގެ ފައިދާ ނަހަމަ ގޮތުގައި ނަގާ މީހުންނަށް ދޫދިނުމެއްނެތި ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެފަދަ މީހުންނަށް އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ ނަވީން މި މޭރުމުން ވިދާޅުވީ އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ނަވީން ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް، އެ ކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދަޢުލަތުގެ އެންމެ މުހިންމު އެއް މަސްޢޫލިއްޔަތު ކަމަށެވެ.
”ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެ ކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ޚިދުމަތުން މިފަދަ މައްސަލަތައް ބަލައި، ކުށްވެރިންނަށް ޤާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެ،“ – ސީޕީ ނަވީން އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ސީޕީ ނަވީން ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް، އެ ކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ މުޅި މުޖުތަމަޢުގެ ބައިވެރިވުން ބޭނުންވާ، އަދި އެންމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މުހިއްމު ކަމަށް ސީޕީ ނަވީން އަލިއަޅުއްވާލެއްވިއެވެ.
މިފަދަ ޢަމަލުތައް ރާވައި ހިންގާ ފަރާތްތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރުގެ ނަންބަރު 911 އަށް ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް ސީޕީ ނަވީން ވަނީ އެދިވަޑައިގެންފައެވެ.
ސީޕީ ނަވީން މި މޭރުމުން ވިދާޅުވެފައިވާއިރު، ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި މި ފަހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ) އާއި ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ) އެވެ.
މި މައްސަލާގައި އެ ދެ މީހުން އެކްސްޕްލޮއިޓް ކޮށްފައިވަނީ ޢުމުރުން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.
ކުޑަކުދިން ގްރޫމްކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ ޢަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ޤާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.













