Ads by
ޚަބަރު
ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަ ކުރުމަކީ ރައީސް ޙާއްޞަ އިސްކަމެއް ދެއްވާ ކަމެއް: ޣައްސާން
ޑިފެންސް މިނިސްޓަރު ޣައްސާން: ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަ ކުރުމަކީ ރައީސް ޙާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވި - ފޮޓޯ:އެމްއެންޑީއެފް

ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށް ގެންދާ “ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ – 16” ފެށުމުގެ ގޮތުން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާ ކަނޑުގައި އަމާންކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރާއި ކޯސްޓްގާޑް ވަރުގަދަކުރުމަކީ ރައީސް ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އިންޑިއާ ކަނޑުގައި ޓްރޭޑް ރޫޓުތައް ގިނައިރު، ސަރަޙައްދީ ޤައުމުތައް ގުޅިގެން ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ކަނޑުމަތީ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނި ގޮތުގައި މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒަކީ ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާގެ ކޯސްޓްގާޑުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމުގެ ކޯސްޓްގާޑު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމުގެ މަގުސަދުގައި ބާއްވާ އެކްސަސައިޒެއް ކަމުގައެވެ.

ތިން ޤައުމު ގުޅިގެން ހިންގާ އެކްސަސައިޒް “ދޯސްތީ” ގައި، މެރިޓައިމް އިންޓަރޑިކްޝަން އޮޕަރޭޝަންސް، ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި މެރިޓައިމް ސަރވޭލަންސް އަދި ކޮމިއުނިކޭޝަން ޑްރިލްތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ މި ތަމްރީނުތަކުގެ ސަބަބުން ތިން ޤައުމުގެ އަސްކަރީ ތަޖުރިބާތައް އިތުރުވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އިޖާބަދިނުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ވަރުގަދަވެގެންދާނެ ކަމަށެވެ. މި އެކްސަސައިޒްގެ ޢަމަލީ ފަރިތަކުރުންތައް ކުރިއަށް ދަނީ މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސިލްސިލާ ގޮތެއްގައި އެކްސަސައިޒް “ދޯސްތީ” ގެ ތަމްރީނުތައް ކުރިއަށް ގެންދާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކްސަސައިޒް “ދޯސްތީ” އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު އިންޑިއާ ކޯސްޓްގާޑާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެން ކަމަށާއި އެކްސަސައިޒްގެ އޮބްޒާވަރެއްގެ ގޮތުގައި މި އަހަރު ބަންގްލަދޭޝް ކޯސްޓްގާޑުން ބައިވެރިވާ ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *