Ads by
ޚަބަރު
ރަށު ތަރައްޤީއަށް މުހިންމު ކަންކަން ހޯރަފުށި ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު ހޯރަފުށި ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ކައުންސިލުން ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، ހޯރަފުށި ކައުންސިލާ ބައްދަލުކުރައްވާފައި ވަނީ މިއަދު މެންދުރުފަހު އެ ރަށު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ހޯރަފުށި ކައުންސިލުން ވަނީ އައިހެވަން މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި ރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގައި ކުނި މެނޭޖުކުރެވޭނެ ގޮތެއް ގާއިމުކުރަން ބޭނުންވާކަން ހާމަކުރައްވާފައެވެ. އަދި އައިސް ޕްލާންޓުން އައިސް ނުލިބޭ މައްސަލަ އާއި މި އަހަރަށް ބަޖެޓު ކުރެވިފައިވާ މަޝްރޫޢުތައް އަވަހަށް ފެށުމަށް ބޭނުންވާކަން ވެސް އެ ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ކަންކަމުގެ އިތުރުން މިހާރު ފަށާފައި ހުރި މަޝްރޫޢުތައް ހުއްޓިފައި ހުރިކަން ފާހަގަކުރައްވާ، އެކަމުގެ ކަންބޮޑުވުން ކައުންސިލުގެ ފަރާތުން ރައީސް އާ ވަނީ ހިއްސާކުރައްވާފައެވެ. އަދި ރަށުން ބިން ހިއްކައިދީ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

ހޯރަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ކޮމިޓީއަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަމެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވެފައި ވަނީ ބަޖެޓުގެ ދަތިކަމަކީ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންވެސް ފާޅުކުރައްވާ ކަންބޮޑުވުމެއް ކަމަށެވެ. އެހެންނަމަވެސް އެކަމަކީ ޤާނޫނުގެ ތެރެއިން ހައްލެއް ހޯދަން ޖެހިފައިވާ ކަމަކަށް ވާތީ އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ދައުލަތުގެ އާމްދަނީ އިތުރު ކުރެވެމުންދާ މިންވަރަކުން މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ކަމަށާއި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *