ކުރީގެ ރައީސް ޔާމީންގެ ސިޔާސީ ޕާޓީ ޕީއެންއެފުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކު ވާދައެއް ނުކުރައްވާކަމަށް އެޕާޓީން ބުނެފިއެވެ.
ކައުންސިލް އިންތިޚާބުގައި އެޕާޓީން އެއްވެސް ކެންޑިޑޭޓަކު ވާދަކުރައްވާތޯ ”އެކިއެމްވީ“ އިން ކުރެއްވި ސުވާލުގައި ޕާޓީގެ ލީޑަރޝިޕުން ވިދާޅުވީ މިހާތަނަށް ޕާޓީގެ ނަމުގައި އެއްވެސް ކެންޑިޑޭޓަކު ވާދަނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ޕީއެންއެފްގެ ތާއީދާއިއެކު ކެންޑިޑޭޓުން އަމިއްލަގޮތުން ވާދަކުރައްވާ ކަމަށް ވިދާޅުވިއެވެ.
”ލޯކަލްކައުންސިލް އިންތިޚާބުގައި މިޕާޓީން ކެންޑިޑޭޓުން ވާދައެއްނުކުރޭ، ޕާޓީން ތާއީދު ކުރާ ކެންޑިޑޭޓުން ހުރިހާ ކެންޑިޑޭޓުންވެސް ވާދަކުރައްވަނީ އަމިއްލަ ގޮތުން“ ޕީއެންއެފްގެ ލީޑަރޝިޕުން ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިމަތިލައްވާ ކެންޑިޑޭޓުންގެ އަދަދާއި ގުޅޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ޕީއެންއެފުން ބުނީ މިވަގުތު ވަކި އަދަދެއް ދަންނަވަން ދަތި ކަމަށާއި، އަމިއްލަގޮތުން ވާދަކުރެއްވި ނަމަވެސް ޕީއެންއެފުން އެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފުން ވަނީ 20 ވަނަ މަޖްލިސް އިންތިޚާބުގައިވެސް ވާދަކުރައްވާފައެވެ. އަދި މާލެ ސިޓީކައުންސިލްގެ މޭޔަރު ގެ އިތުރުން ބައެއް ދާއިރާތަކަށް އެޕާޓީން ވާދަކުރެއްވިނަމަވެސް، އަދި މިހާތަނަށް އެއްވެސް ގޮނޑިއެއް ކާމިޔާބުވެފައި ނުވެއެވެ. ޕީއެންއެފުން ސިޔާސީ މާބޮޑު ޙަރަކާތްތަކެއް ކުރިއަށް ނުގެންދެވި ނަމަވެސް، ސަރުކާރަށް ފާޑުވިދާޅުވުމާއިއެކު، އިދިކޮޅު އެމްޑީޕީގެ 5 އަހަރު ހިންގި ޖަރީމާތަކުގެ ވާހަކަތައް އެޕާޓީގެ ސިލްސިލާ ޖަލްސާތަކުގައި ދައްކަމުން ގެންދެއެވެ.
ޕީއެންއެފުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާނެކަން މީގެ ކުރިން ވަނީ އިޢުލާނު ކުރައްވާފައެވެ. އަދި އެޕާޓީގެ ފަރާތުން 2028 ގެ ރިޔާސީ ރޭހަށް ނުކުންނަވާނީ ޕާޓީގެ ލީޑަރ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ވެސް ވަނީ އިޢުލާނުކުރައްވާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އ.ތ.މ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް 1936 މީހަކު ފޯމު ހުށަހަޅާފައިވާއިރު، މީގެ ތެރެއިން ޝަރުތުހަމަވާކަމަށް ނިންމާ ކެންޑިޑެސީ ޤަބޫލުކުރައްވާފައިވަނީ 1610 މީހެއްގެއެވެ. އަދި އ.ތ.މ ކޮމިޓީގެ މެންބަރުކަމަށް އެދި 1611 މީހަކު ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 1383 މީހެއްގެ ކެންޑިޑެސީ އީސީން ވަނީ ޤަބޫލުކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުންބުނީ ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުންގެ އަދާހަމަ ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށެވެ.














