Ads by
ޚަބަރު
ފުލުހުންނާއި ސިފައިންގެ މުސާރަ މާރޗް މަހުން ފެށިގެން ބޮޑުވާނެ: ރައީސް
އަހާ ސިލްސިލާގެ ދެވަނަ ފޯރަމުގައި ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

މިފެށޭ މާރޗް މަހުން ފެށިގެން ފުލުހުން އަދި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ “އަހާ” ފޯރަމުގައި ހުކުރު ދުވަހުގެ ރޭ އެމަނިކުފާނާ އާންމު ފަރާތްތަކުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުންނަށް ޙާއްޞަކޮށް ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓުތަކުގެ މަސައްކަތް ނިންމާ އެ ތަންތަނަށް ފުލުހުންނަށް ވަރަށް އަވަހަށް ވަދެވޭނެ ކަމުގައެވެ.

މިފަހުން ސަރުކާރުން ބުނެފައި ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަތަކަށް ގެންނަ ބަދަލުތައް ދިރާސާކުރުމުގެ މަސައްކަތް ޕޭ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ މި ސަރުކާރުން ފެއްޓުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އެކި މަޝްރޫޢުތަކުގެ ތެރެއިން ގެދޮރު އެޅުމުގެ އެކިއެކި މަޝްރޫޢުތައް މާލޭ ސިޓީ އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި އަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ އިޤުތިޞާދު ހަރުދަނާކޮށް، ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމާއި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދިނުމާއި ޕަރފޯމިންގ އާރޓިސްޓުންނަށާއި ފަންނުވެރިންނަށް މަގުފަހިކޮށްދިނުމަށް ޚާއްޞަ ވިލެޖެއް ނުވަތަ ސެންޓަރެއް ގާއިމުކުރުމާއި މެދުރާސްތާ އަދި ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުނިވަރސިޓީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ފަދަ އެކި މައުޟޫޢުތަކަށް އާންމުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

އަހާ ފޯރަމުގައި ރައީސް ވަނީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ދުނިޔޭގެ ފެންވަރުގެ ރަނގަޅު ސަރފިންގ ސްޓޭޑިއަމެއް އެންމެ ލަސްވެގެން އަންނަ އަހަރު ހަދާނެ ކަމަށާއި ޑްރިފްޓިންގ ސްޓޭޑިއަމެއް ހުޅުމާލޭގައި ގާއިމުކުރުމަށް ގަސްތުކުރައްވާ ކަމުގައި ވެސް ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *