ތިލަފުށީ ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދަނިކޮށް ގެއްލިގެން ހޯދަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ތިލަފުށީ ކުނި ސައިޓުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައެވެ. އެގޮތުން އެ ސައިޓުގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެކްސްކެވޭޓަރުގެ ދަތްގަނޑުން ޖެހި އަމީން މިއާ ވެއްޓުނު ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
މި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، ވަނީ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ އުމުރުން 32 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ރައްޔިތެކެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.
މައްސަލައާ ގުޅޭ ހަބަރުތައް ގެނެސްދޭއިރު، ރަސްމީ އިދާރާތަކުން ހާމަކުރާ ތަހުގީގީ ހޯދުންތަކަށް އިސްކަންދިނުމަށާއި، އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ގޮތްގޮތަށް މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.












