Ads by
ޚަބަރު
ވިޒިޓް މޯލްޑިވްސްއިން މާޓާ 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މިދިޔަ އަހަރު ބޭއްވި މާޓާ ފެއާގެ ތެރެއިން - ފޮޓޯ:ވިޒިޓް މޯލްޑިވްސް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން މާޓާ 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Eki Online

އަންނަ މަހުގެ 22-24 އަށް މެލޭޝިއާގައި ބާއްވާ މި ފެއާގައި ލިބޭ ޖާގައަށް ރިއާޔަތްކޮށް ބައިވެރިވުމުގެ ފުރުސަތުތައް ވަނީ ލިމިޓަޑްކޮށް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނެފައި ވަނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކައަށް އަލިއަޅުވާލައި، ދެކުނު އިރުމަތީ އޭޝިއާގައި ދިވެހިރާއްޖެއަކީ އެންމެ އެދެވޭ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުން ކަމަށެވެ. އެ ކޯޕަރޭޝަނުގެ ސްޓްރެޓެޖީތަކާ އެއްގޮތަށް ރާއްޖޭގެ ބްރޭންޑް އަދި ޑެސްޓިނޭޝަން ޕްރެސެންސް އިތުރަށް ވަރުގަދަކުރުމާއި ޓްރެވަލް ޓްރޭޑް ޕާޓްނަރުންގެ މުހިންމު ފަރާތްތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މާޓާގައި ބައިވެރިވުމަކީ މި މާކެޓުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ހަލާލު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އަގުހުރި ފުރުސަތުތަކެއް ލިބިގެންދާ ކަމެއް ކަމުގައެވެ. އަދި ރާއްޖޭގެ ސްޓޭންޑްގައި މިއަހަރު ކައުންޓަރުތަކުގެ ބަދަލުގައި ތަފާތު ފީޗާތައް ހިމެނޭ މީޓިން މޭޒުތައް ގާއިމުކުރާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ މެލޭޝިއާ މާކެޓަކީ ރާއްޖެއަށް ގިނަ ފުރުސަތުތަކެއް އޮތް މާކެޓެއް ކަމަށާއި މިދިޔަ އަހަރުގެ ޓޮޕް ސޯސް މާކެޓްގެ 26 ވަނައިގައި ރޭންކް ކުރެވުނު އެ މާކެޓުން 13,551 ފަތުރުވެރިން އައި ކަމަށެވެ. މި ފެއާގައި ބައިވެރިވުމަކީ އެ ސަރަހައްދުން އަންނަ ފަތުރުވެރިން އިތުރުކޮށް، ބޮޑު ކުރިއެރުމެއް ހޯދުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ފެއާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްވާ
ކުންފުނިތަކުން މި މަހުގެ 28 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން އެ ކޯޕަރޭޝަނުގެ މެންބަރުންގެ ޕޯޓަލް (members.visitmaldives.com) މެދުވެރިކޮށް ބައިވެރިވުމުގެ ތަފްސީލު ހޯދުމަށް އެމްއެމްޕީއާރުސީން ވަނީ އެދިފައެވެ. ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އަހަރަށް މެންބަރޝިޕް އާކުރުން/ރަޖިސްޓްރޭޝަން ފުރިހަމަވެފައިވާކަން ޔަގީންކުރުމަށް ވެސް އެމްއެމްޕީއާރުސީން އެދެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *