ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ތިލަފުށީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ ތިލަފުށީގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމް ޚިދުމަތް ގާއިމުކޮށް، މުޅި ރާއްޖޭގައި ގާއިމުކޮށްފައިވާ އޭޓީއެމް ވިއުގަ އިތުރަށް ހަރުދަނާކޮށްފައި ވާކަމަށެވެ.
އެ އޭޓީއެމް ހުޅުވުމަށް ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބޭންކުގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އެއް އިންޑަސްޓްރިއަލް ނުވަތަ ސިނާޢީ މަސައްކަތްތައް ކުރާ ސަރަހައްދުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިގެން ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެެއްވުމުގައި، އެފަރާތްތަކުން ހުށަހެޅި އެންމެ މުހިންމު އެއް ކަމަކީ، ތިލަފުށީގައި އޭޓީއެމްގެ ޚިދުމަތް ނެތުން ކަމަށެވެ. އެހެންކަމުން މި ރަށުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިގެންދިއުމަކީ އެތައް ޒަމާނެއް ވަންދެން ވިޔަފާރިވެރިން އެދެމުން ދިޔަ ކަމަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުން މި އަހަރުގެ ތެރޭގައި އިތުރު ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި ބްރާންޗްތަކުގެ އިތުރުން އޭޓީއެމްތައް ގާއިމުކޮށް ބޭންކުގެ ޚިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭރު ފައިސާއަށް ވާސިލުވުމަށް އިތުރަށް ފަސޭހަކޮށްދިނުމަށް 70 އަށްވުރެ ގިނަ ޑޮލަރު އޭޓީއެމް ގާއިމުކުރާނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.












