Ads by
ޚަބަރު
ޒަކާތު ފަންޑުން އަހަރަކު 10 ކުދިންގެ ބޯންމެރޯ ހަދައިދިނުމަށް ސޮއިކޮށްފި
ޒަކާތު ފަންޑުން ބޯންމެރޯ ހެދުމަށް އެހީ ދިނުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން ހެލްތު މިނިސްޓްރީ އާއެކު ސޮއިކުރަނީ - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ކޮންމެ އަހަރަކު 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީ ދޭން އިސްލާމިކް މިނިސްޓްރީން ހެލްތު މިނިސްޓްރީ އާއެކު ސޮއިކޮށްފިއެވެ.

Ads by Eki Online

އިސްލާމީ މަރުކަޒުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ތެލަސީމިއާ 50 ކުދިންގެ ބޯންމެރޯ ހެދުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރަައްވާފައި ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާއެވެ.

އެ އެއްބަސްވުމުގެ ދަށުން ބޯންމެރޯ ހެދުމަށް ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާ އާ ހަމައަށް އެހީދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީއަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމެވެ. އެ ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުއްޖާ ބަލަހައްޓަން ޖެހޭއިރު، ބޯންމެރޯ ޓްރާންސްޕްލާންޓްކުރުމަށް ފަހު ވެސް ގަވާއިދުން ހަދަން ޖެހޭ ޓެސްޓުތައް ހަދައި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރަން ޖެހެއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުގެ އެހީގައި މީގެ ކުރިން ވެސް ކުދިން ބޭރަށް ފޮނުވާފައިވެއެވެ. އެހެންނަމަވެސް، އެކަށީގެންވާ ގޮތުގައި އެކަން ކުރިއަކަށް ނުދެއެވެ. ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސޮއިކުރެވުނު އެއްބަސްވުމާ އެކު ހަރުދަނާ ގޮތެއްގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުން ކުރިއަށް ދާނެ ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *