Ads by
ޚަބަރު
ކަންބޮޑުވުންތައް ބަލައިގަންނަން، މައްސަލަތަކަށް ހައްލު ހޯދާނީ މަސްވެރިންނާ ގުޅިގެން: މިފްކޯ
މިފްކޯއިން މަސްކިރުމަށް ގެނައި ބޯޓެއް: މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާނީ މަސްވެރިންނާ ގުޅިގެން ކަމަށް މިފްކޯއިން ވަނީ ބުނެފައި - ފޮޓޯ:މިފްކޯ

މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާނީ މަސްވެރިންނާ ގުޅިގެން ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

Ads by Eki Online

މިފްކޯއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެސްގައި އެ ކުންފުނީގެ ސީއީއޯ އާއި މެނޭޖްމަންޓް ޓީމުން މަސްވެރިންނާ ބައްދަލުކޮށް އެ މީހުންގެ އުދާސްތަކާއި ޝަކުވާތައް އަޑުއަހާފައިވާ ކަމަށެވެ. މަސްވެރިން ތަހައްމަލުކުރަމުންދާ މޮޅިވެރިކަމަށް ނިމުން ގެނައުމަށް މިފްކޯގެ މެނޭޖްމެންޓުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

“މި ބައްދަލުވުމުގައި މަސްވެރިން ދެއްކެވި ރިވެތި ނަމޫނާ އާއި އެ ބޭފުޅުން ބެހެއްޓެވި ގާތްކަން ނުހަނު އުފަލާ އެކު ބަލައިގަންނަމެވެ،” މިފްކޯގެ ބަޔާނުގައިވެއެވެ.

މިފްކޯއިން ބުނެފައި ވަނީ މަސްއޮޑިފަހަރަށް ދޭން ޖެހޭ ފައިސާ ދޫކުރުމުގެ ހައްލު ހޯދައިދިނުމަށް ކަމާ ބެހޭ ވުޒާރާތަކާއި މަސްވެރިން ހިމެނޭ ގޮތަށް ގުޅިގެން، އެ ކުންފުނީގެ މެނޭޖްމަންޓް ޓީމުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. ކޫއްޑޫގައި ބޭއްވުނު ބައްދަލުވުންތަކުގައި ފާހަގަކުރި ފަދައިން މަސްވެރިންނަށް ފައިސާ ދޫކުރާނެ ގޮތުގެ ތަފްސީލުތައް ހިއްސާކޮށްފައިވާ ގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރުމުގެ ޕްރޮސެސް ކުރިއަށްދާ ކަން ވެސް މިފްކޯގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

“މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން މި ގެންދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަވަސް ޚިދުމަތް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ މި ކުންފުނިން ދެވޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށެވެ،” މިފްކޯގެ ބަޔާނުގައިވެއެވެ.

މިފްކޯއިން ބަޔާނެއް ނެރުނުއިރު މަސްވެރިންނަށް ނުލިބި ހުރި ފައިސާ ދޫކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެފައި ވަނީ މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް މަސްވެރިންނަށް 100 މިލިއަން ރުފިޔާ ދޫކުރުމުގެ އިންތިޒާމް ހަމަޖައްސަވަމުން އަންނަ ކަމުގައެވެ. އަދި ބާކީ އޮންނަ 180 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ދެއްކުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *