ތ. ވިލުފުށީ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން މިއަދު ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ ވިލުފުށީ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެ ކުންފުނިން މި މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 81 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހިއްކައި ނިމިފައިވަނީ 65 ހެކްޓަރުގެ ބިމެވެ. އެއީ ހިއްކަންޖެހޭ ބިމުގެ 80 އިންސައްތައެވެ.
ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކަނީ ފިލިޕޯ ބްރޫނެލެސްޗީ ނަމަކަށް ކިޔާ 11،300 ކިއުބިކް މީޓަރުގެ ވެލި ނެގޭ ކެޕޭސިޓެއްގެ ޑްރެޖަރެއް ބޭނުންކޮށްގެން ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.
https://twitter.com/MACLmedia/status/2016784993406869646
ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅު ތެރެއިންނެވެ. މި މަޝްރޫޢުގެ ދަށުން 1,800 މީޓަރު ދިގު ރަންވޭއަކާއި ޖާގަ ތަނަވަސް ޓާމިނަލެއްގެ އިތުރުން އެއަރޕޯޓަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރާނެއެވެ.














