Ads by
ޚަބަރު
381 މީހަކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި: އީސީ

381 މީހަކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާފައިވަނީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

Ads by Eki Online

އީސީން ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 381 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އޭގެތެރެއިން ގިނަ ފޯމުތައް ފަހު ދެ ދުވަހު ހުށަހަޅާފައިވާތީ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރުކުރެވިފައިނުވާކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު އިއްޔަ މެންދުރު 2:00 އާ ހަމައަށް ވަނީ ހަމަވެފައެވެ. އީސީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އިންތިޚާބުގައި ވާދަކުރަން އެދި ފޯމު ހުށަހެޅުމުން އެ ފޯމު ބަލައިގަތުމާއި ގުޅޭގޮތުން އިލެކްޝަންސްއިން ގޮތެއް ނިންމައި 48 ގަޑިއިރު ތެރޭގައި އެ ފަރާތްތަކަށް އަންގަން ޖެހެއެވެ.

20 ވަނަ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެދި ފޯމު ހުށަހަޅަން އިތުރު ފުރުސަތެއް ދެން ނުލިބޭނެ ކަމަށާއި، އިންތިޚާބެއްގައި ވާދަކުރުމަށް ޤާނޫނީ ގޮތުން އެ ކޮމިޝަނަށް ދެވޭނީ 14 ދުވަހުގެ މުއްދަތެއް ކަމަށާއި އިންތިޚާބު ބާއްވާ ތާރީހު ފަސްވި ނަމަވެސް އިތުރަށް އެ ފުރުސަތު ހުޅުވާނުލާނެކަމަށް އީސީގެ ނައިބު ރައީސް ވަނީ ވިދާޅުވެއެވެ.

ކެންޑިޑޭޓުންގެ ގުރުއަތުލުން މާދަމާ ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އޭގެ ކުރިން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެ އީސީން ވިދާޅުވެއެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސްއިން ނިންމަވާފައިވަނީ މާޗު 17 ގައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އެ ތާރީހު ބަދަލުވާނެއެވެ. އެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން އިންތިޚާބެއް ރަމަޟާން މަހާ ދިމާވާނަމަ އެ އިންތިޚާބެއް ބޭއްވޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *