އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ފަސޭހަކަމާއެކު ޢުމްރާކުރެވޭނެ ”ކުރު ޢުމްރާ“ ޕެކޭޖު، ޙައްޖު ކޯޕަރޭޝަނުން ތަޢާރަފްކޮށްފިއެވެ.
ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޕެކޭޖު ތަޢާރަފްކުރުމުގެ މަޤްޞަދަކީ އަހަރުގެ ތެރޭގައި ލިބޭ ކުރު ޗުއްޓީއެއް ނުވަތަ އެނޫން ވެސް ދުވަސްވަރެއްގައި ޢާއިލާއާއެކީ ނުވަތަ ރަޙުމަތްތެރިންނާއެކީ ނުވަތަ އެކަނި ޢުމްރާ ކުރުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ތަޢާރްފްކުރި ޕެކޭޖެއް ކަމަށެވެ.
އެގޮތުން، ޢުމްރާ ކުރުމުގައި ދަތުރުކުރާނެ ދުވަސް އިޚްތިޔާރުކުރާނީ ޢުމްރާ ކުރައްވާ ފަރާތުން އަމިއްލައަށް ކަމަށާއި، ޙައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރުތައް ކުރާ ދުވަސްތަކާ އެ ދުވަސް ކޮންމެހެން ދިމާވާން ނުޖެހޭ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. މީގެ އިތުރުން އެ ބޭފުޅަކު ބޭނުން ގޮތަކަށް ދަތުރު ރޭވުމުގެ ފުރުޞަތު އެ ޕެކޭޖުން ލިބިގެންދާނެއެވެ.
މި ޕެކޭޖުގައި، ޢުމްރާއަށް ފުރާނެ ދުވަހާއި، އެނބުރި އަންނަން ބޭނުންވާ ދުވަހާއި، ބޭނުންވާ ފުލައިޓަކާއި، ހުންނަން ބޭނުންވާ ހޮޓަލާއި، ދަތުރުކުރާނެ އުޅަނދާއި، ޒިޔާރަތްކުރަން ބޭނުންވާ ތަންތަން އިޚްތިޔާރުކުރާނީ ޢުމްރާ ކުރައްވާ ފަރާތުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޙައްޖު ކޯޕަރޭޝަނުން އަލަށް ތަޢާރަފްކުރި ކުރު ޢުމްރާގެ ބައެއް ތަފްޞީލްތައް:
- ވިޔަފާރި ދަތުރުތައް ކުރައްވާ ފަރާތްތަކަށް ޚާއްޞަ: ޢުމްރާގެ އަޅުކަމަށް ފަހު ދުބާއީ ފަދަ ޤަޢުމަކަށް ވިޔަފާރިކޮށްލަން ދާން ވިސާ މި ޕެކޭޖުގެ ދަށުން ހަމަޖައްސައިދެވޭނެ
- ފަސޭހަ ފްލައިޓެއްގައި ހިތްހަމަޖެހުމާއެކު ދަތުރުކޮށްލުން: ޢުމްރާއަށް ދިޔުމަށް ދަތުރުކުރާނެ ފްލައިޓާއި، ފްލައިޓުގައި ދަތުރުކުރާނެ ކްލާސް އިޚްތިޔާރުކުރުމުގެ ފުރުޞަތުދެވޭނެ
- ހުންނާނެ ތަން އިޚްތިޔާރުކުރުން: ޢުމްރާގެ އަޅުކަން އަދާކުރަން ސަޢުދީގައި ހުންނާނެ ހޮޓަލެއް އަމިއްލައަށް އިޚްތިޔާރުކުރެވޭނެ
- ދަތުރުފަތުރުކުރުމުގެ ލުއިފަސޭހަކަން: ފުދުންތެރިކަމާ އެކަށީގެންވާ ރޭޓެއްގެ އުޅަނދުތަކެއްގައި ސަޢުދީގައި ދަތުރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ
- އެކަނި ޢުމްރާ ކުރުމާއި، ޢާއިލާއާއި ކުދި ގްރޫޕްތަކުގެ ޢުމްރާ: ޢުމްރާ ކުރަން ބޭނުންވާ ފަރާތްތަކުން ބޭނުންވާ ގޮތްގޮތަށް ދަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ
- ތަންތަން ބަލައިލަން ކުރާ ޒިޔާރްތައް: އެންމެ ބަލައިލަން ބޭނުންވާ، ނުވަތަ އެ ތަނަކަށް ޒިޔާރަތްކޮށްލަން ބޭނުންވާ ޚާއްޞަ ތަނެއް ވާނަމަ އެފަދަ ތަނަކަށް އެ މީހަކަށް އެންމެ ފަސޭހަ ގަޑިތަކެއްގައި ހަމަޖައްސައިދޭނެ
- އެކަނި، އަމިއްލައަށް އުޅެވޭގޮތަށް: ގުރޫޕުތަކާ ނުގުޅި، އެ މީހަކު ބޭނުން ގަޑިއެއްގައި ފަސޭހަ ގޮތަކަށް ޢުމްރާގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ
- އަގު އަދާކުރުމުގައި ފަސޭހަކަން: ޢުމްރާ ދަތުރުގައި އެ މީހަކު އިޚްތިޔާރުކުރާ ކަމަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު އޮންނާނެ
ޙައްޖު ކޯޕަރޭޝަނުން އިތުރަށް ބުނީ، ޢުމްރާއަށް ދާން ޤަޞްތުކުރާ ހިސާބުން ފެށިގެން ދަތުރުގެ ފެށުމާ ހަމައަށް ހުރިހާ އިރުޝާދެއް އެ ކޯޕަރޭޝަނުން ދޭނެ ކަމަށާއި، އޮޅުންފިލުވަން ބޭނުންވާ ކަންކަން އޮޅުންފިލުވައިދީ، ދަތުރާ ގުޅޭ ފަންނީ ތަޖުރިބާއާއި، އެހީތެރިކަމާ ލަފާ ދޭނެ ކަމަށެވެ.












