ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް ފަށައިފިއެވެ.
މިއީ މާލެއިން ބޭރުގައި، އަތޮޅުތެރޭގެ ރަށެއްގައި ޤާއިމްކުރި ފުރުތަމަ ކެތު ލެބެވެ. އައްޑޫ ސިޓީގައި ކެތު ލެބުގެ ޚިދުމަތް ފެށުމަށް، ރައީސް މުޢިއްޒު ވެ ވަޑައިގެންނެވި ވަޢުދު މިވަނީ ހަޤީޤަތަކަށް ހައްދަވާދެއްވައިފައެވެ.
ކެތު ލެބު ޤާއިމުކުރުމަށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީސް އިންސްޓޯލްކޮށް ޚިދުމަތް ވަނީ ފަށައިފައެވެ. އެގޮތުން މިހާތަނަށް ހަތް މީހަކު ވަނީ މި ކެތު ލެބުން ފަރުވާ ހޯދައިފައެވެ. އައްޑޫ ސިޓީގައި މި ޚިދުމަތް ފަށާފައިވަނީ، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ގުޅިގެންނެވެ.
އައްޑޫ ސިޓީގައި ކެތު ލެބް ހުޅުވިގެން ދިއުމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މި ޚިދުމަތް ފެށިގެން ދިއުމަކީ ސަރުކާރުން އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އައްޑޫ ސިޓީގައި ކެތު ލެބް ޤާއިމްކުރީ 2023 ގައި ނަމަވެސް ޚިދުމަތް ނުފެށި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މިކަމާ ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ޔާސިރު ވިދާޅުވީ، މި ސަރުކާރުން ކުރެއްވި މަސައްކަތުން ކެތު ލެބުގެ މަސައްކަތް ފެށިގެން ދިއުމަކީ މުޅި ދެކުނުގެ އަތޮޅުތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބުގެ ޚިދުމަތް ފަށާފައިވަނީ، އައިޖީއެމްއެޗުގެ ކާޑިއެކް ސެންޓަރާ ގުޅިގެންނެވެ. މި ވަގުތު އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއެކު ސާރޖަރީތައް ހެދުމުގައި ހަރަކާތްތެރިވި ނަމަވެސް ކުރިއަށް އޮތްތަނުގައި ތަމްރީންތަކަށް ފަހު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ބަލި މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.












