ފްރާންސްގައި ޤާނޫނީ ގޮތުން ސޯޝަލްމީޑިއާގެ އެކިއެކި ޕްލެޓްފޯމްތައް ބޭނުން ކުރެވޭނެ އެންމެ ހަގު އުމުރަކީ 15 އަހަރު ކަމުގައި ކަނޑައެޅުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ބިލަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ރުހުން ދީފިއެވެ. 15 އަހަރުން ދަށުގެ ކުދިން ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބޭނުން ކުރުން މަނާކުރުމުގެ ބިލަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ވޯޓަށް އެހުމުން، އެ ބިލަށް ތާއީދުކޮށް 116 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ 23 މެންބަރުންނެވެ.
ފްރާންސްގެ ގިނަ އަދަދެއްގެ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި، ސޯޝަލްމީޑިއާގެ ސަބަބުން ކުޑަކުދިންގެ މެދުގައި ގަނާ ކުރުމުގެ ކުށްތައް އިތުރުވެ، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އޮތް ހިރާސްތައް އިތުރުވެއެވެ. ސޯޝަލްމީޑިއާއަކީ ކުޑަކުދިންގެ މެދުގައި ހިނގާ މާރާމާރީ ފަދަ ކުށްތައް އިތުރުވާ މައިގަނޑު އެއް ސަބަބު ކަމުގައި ފްރާންސްގެ ރައީސް އެމަނުއެލް މެޚްރޮން ވެސް ވިދާޅުވެފައިވެއެވެ.
ޤާނޫނީ ގޮތުން ސޯޝަލްމީޑިއާގެ މަންސަތައް ބޭނުން ކުރެވޭނެ އެންމެ ހަގު އުމުރަކީ 15 އަހަރު ކަމުގައި ކަނޑައެޅުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނީ މެކްޚްރޮންގެ ސަރުކާރުންނެވެ. އޮސްޓްރޭލިޔާއިން ވެސް ދާދި ފަހުން މި ފަދަ ޤާނޫނެއް ފާސްކޮށް، އަމަލު ކުރަން ފަށާފައިވެއެވެ. އޮސްޓްރޭލިޔާއެކޭ އެއްފަދައިން، ފްރާންސްގައި ވެސް އެ ފަދަ ޤާނޫނެއް ފާސްކުރުމަށް މެކްޚްރޮން ގެންދަވަނީ ބާރު އަޅުއްވަމުންނެވެ. އަދި، މި އަހަރުގެ ސެޕްޓެންބަރު މަހުގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ޤާނޫނު ފާސްކޮށް، ތަންފީޒު ކުރަން ފެށުމަށް އޭނާ ގެންދަވަނީ ގޮވައިލައްވަމުންނެވެ.
ޤާނޫނީ ގޮތުން ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތައް ބޭނުން ކުރެވޭނެ އެންމެ ހަގު އުމުރަކީ 15 އަހަރު ކަމުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލަށް ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ރުހުންދީފައިވާއިރު، ވިލާތުގެ ބައެއް އެހެން ޤައުމުތަކުގައި ވެސް މި ފަދަ ޤާނޫނުތަކެއް އެކަށައެޅުމާ މެދު ދަނީ ވިސްނަމުންނެވެ. އެ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ޑެންމާކް، ސްޕެއިން އަދި ގްރީސް ހިމެނެއެވެ. މީގެ އިތުރުން، ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގައި މި ފަދަ ޤާނޫނުތަކެއް އެކަށައެޅުމަށް ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ވެސް ވަނީ ގޮވައިލާފައެވެ.













