ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ފުރަތަމަ ސްކޫލް، ”ޝަހީދު ޢަލީ ސްކޫލް“ ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
ޝަހީދު ޢަލީ ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ސްކޫލް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްކޫލްގެ ރަސްމީ ލޯގޯ އިފްތިތާޙުކޮށް، ރައީސަށް ހަނދާނީ ހަދިޔާއެއް ވެސް ވަނީ އަރުވައިފައެވެ.

ޝަހީދު ޢަލީ ސްކޫލްގެ މަސައްކަތް މި ސަރުކާރުން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާރުސީސީއާ ހަވާލުކޮށްގެންނެވެ. ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި މަސައްކަތްތައް ނިންމުމަށް ފަހު މިއަދު މިވަނީ މި ސްކޫލްގައި ކިޔަވައިދޭން ފަށައިފައެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރި މި ސްކޫލްގައި ޖުމްލަ 54 ކްލާސްރޫމް ހިމެނޭއިރު، ކޮންމެ ކްލާހެއްގައި ގިނަވެގެން 32 ދަރިވަރުންނަށް ކިޔެވޭނެ ޖާގަ ހުރެއެވެ. ގްރޭޑް އެކަކުން ފެށިގެން 10 އަކާ ހަމައަށް ކިޔަވައިދޭ މި ސްކޫލަކީ ގާތްގަނޑަކަށް 1،500 ކުދިންގެ ޖާގައިގެ ސްކޫލެއް ނަމަވެސް، ދެ ދަންފަޅިއަށް ބަހާލައިގެން ކިޔަވައިދޭނަމަ 2،500 އެއްހައި ކުދިންނަށް މި ސްކޫލުގައި ކިޔަވައިދިނުމުގެ ޤާބިލުކަން ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މަލްޓިޕާޕަސް ހޯލަކާއި، ޓާފް ދަނޑެއްގެ އިތުރުން އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް މި ސްކޫލުގައި ގާއިމުކޮށްފައިވާއިރު، 400 މީހުންގެ އޮޑިޓޯރިއަމަކާއި، ލައިބްރަރީއަކާއި، ކޮމްޕިއުޓަރު ލެބެއްގެ އިތުރުން ސައިންސްގެ ތިން ލެބޯޓްރީއެއް މި ސްކޫލުގައި ޤާއިމްކޮށްފައިވެއެވެ.













