ވެރިކަމުގެ ބައެއް ބާރުތަކާ މަސްއޫދު ޚާމަނާއީ ހަވާލުވެވަޑައިގެންފި އީރާނުގެ މަޝްރަހު ނުތަނަވަސްވެ، އެމެރިކާއިން ދީފާނެ ހަމަލާއެއްގެ ބިރު ބޮޑުވުމާ ގުޅިގެން އެގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ރައްކާތެރި ބަންކަރަކަށް ބަދަލުވެވަޑައިގެންފިއެވެ.
މި ބަދަލާއެކު، އޭނާގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކާއި މުއާމަލާތްތައް ބެލެހެއްޓުމާ އޭނާގެ ތިންވަނަ ދަރިކަލުން މަސްއޫދު ޚާމަނާއީ މިހާރު ވަނީ ހަވާލުވެވަޑައިގެންފައެވެ. ޚާމަނާއީ މިހާރު ހުންނެވީ ހަނގުރާމައިގެ ހާލަތްތަކުގައި ބޭނުން ކުރުމަށްޓަކައި ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ބަންކަރެއްގައެވެ. މި ފިޔަވަޅު އަޅާފައިވަނީ އީރާނުގެ ދާޚިލީ މަސްރަހު ގޯސްވެ، ބޭރުގެ ނުރައްކާތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ މަސްރަހު ނުތަނަވަސްވާން ފެށީ އެގައުމުގެ ފައިސާގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން، ރައްޔިތުންގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުންތަކާ އެކުގައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އީރާނުގެ އެކި ސަރަހައްދުތަކުގައި ސަރުކާރާ ދެކޮޅަށް ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. މި މުޒާހަރާތަކާއި ގައުމުގެ ހާލަތު ބަދަލުވަމުންދާ ގޮތުން، އެމެރިކާއިން އަސްކަރީ ފިޔަވަޅެއް އަޅައިފާނެ ކަމުގެ ބިރު އޮތުމުން، ޚާމަނާއީގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.
މަސްއޫދު ޚާމަނާއީއާ ވެރިކަމުގެ މުހިންމު ޒިންމާތަކެއް ހަވާލުކުރެވުނު ނަމަވެސް، މިއީ ވަގުތީ އިންތިޒާމެއް ކަމަށް ބެލެވެއެވެ. އެމެރިކާގެ ބޮޑު ކަނޑުގެ ފައުޖެއް ނުވަތަ ”އާމާޑާ“ އެއް މިހާރު ދަނީ އިރާނާ ދިމާލަށް ދަތުރުކުރަމުންނެވެ. މީގެ ތެރޭގައި މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަން ވެސް ހިމެނެއެވެ. އީރާނުގެ ސަރުކާރުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، ގައުމުގެ ސަލާމަތީ ބާރުތަކުން ދަނީ ކުއްލި ހާލަތަކަށް ތައްޔާރުވަމުންނެވެ.













