ސަރުކާރުން ރައްޔިތުންނަށް ބަހަމުންދާ ރޯދަ ހަދިޔާ (މަސްދަޅު ކޭސް) ދޫކުރުމުގެ މަސައްކަތް މާލޭގައި ރޭ ވަރަށް އޮމާންކަމާއެކު ކުރިއަށް ގޮސްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ (އެކްސް) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޯދަ ހަދިޔާ ބެހުމުގެ އިންތިޒާމުތައް މާލޭގައި ރޭ ކުރިއަށް ދިޔައީ ވަރަށް ތަރުތީބުން ކަމަށެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނަށާއި، ކެތްތެރިކަމާއެކު އެއްބާރުލުން ދެއްވަމުންދާ އާންމު ރައްޔިތުންނަށް މިނިސްޓަރ ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
ރޯދަ ހަދިޔާ ބަލައިދާއިރު ގެންދަންޖެހޭ ތަކެއްޗާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ކޮންމެ ގޭބިސީއަކަށް ދޫކުރާ ރޯދަ ހަދިޔާ ނެގުމަށް އީ-ފާސް (eFaas)، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް ދެއްކުމުންވެސް ހަދިޔާ ދޫކުރާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހަމަޖައްސާފައިވާ އިންތިޒާމެކެވެ.
ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މި ރޯދަމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް އެއް ހިލޭ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މާލެ ސަރަހައްދުގައި މި ތަކެތި ބަހަމުންދަނީ ކަނޑައެޅިފައިވާ ޚާއްޞަ މަރުކަޒުތަކުންނެވެ.
މި މަސައްކަތް މާލެ ސަރަހައްދުގައި ފަށާފައި ވާއިރު އަތޮޅުތެރޭގައި ރޯދަ ހަދިޔާ ބެހުމަށް މި ހަފްތާ ތެރޭގައި މަސްދަޅު ކޭސްތަށް ރައްތަކަށް ފޮނުވުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރ އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ .ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ގޭބިސީއަކަށް މި ހަދިޔާ ފޯރުކޮށްދިނުމެވެ.












