Ads by
ޚަބަރު
ގަލޮޅު ދަނޑުގެ ލައިޓިން މައްސަލަ ހައްލުކުރަން ހަވާލުކޮށްފި
ފޮޓޯ:މީސް މީޑިޔާ

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓިން މައްސަލަ ހައްލުކޮށް ލައިޓިން ސިސްޓަމް މަރާމަތުކުރުމަށް ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ ހަވާލުކޮށްފިއެވެ.

Ads by Eki Online

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމަށް ދިމާވެފައިވާ މައްސަލައަށް ހައްލުހޯދުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރުއެވެ. ސިވެކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޒުބެއިރުއެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި ދަނޑުގެ ލައިޓިން މަރާމާތުކޮށް ނިންމައި ހަވާލުކުރަން ޖެހެ އެވެ. މި މަސައްކަތުގެ އަގަކީ 3،985،745.79 ( ތިން މިލިއަން ނުވަ ލައްކަ އަށްޑިހަ ފަސްހާސް ހަތް ސަތޭކަ ސާޅީސް ފަސް ރުފިޔާ ހަތްދިހަ ނުވަ ލާރި)އެވެ.

ދަނޑުގެ ލައިޓިން ރަނގަޅުކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އޭގެ ތެރޭގައި ލައިޓްތަކުގެ ހާލަތު ބެލުމާއި، ބަދަލުކުރަން ޖެހޭ ލައިޓްތައް ބަދަލުކުރުމާއި، ވަޔަރިން ބަދަލުކުރުމުގެ އިތުރުން ލައިޓިން ސިސްޓަމްގެ އެހެނިހެން މަރާމާތުތައް ހިމެނެއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އެފްއޭއެމް އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ހަވީރު ކުޅެން ނިންމި، ސަބަބަކީ، ރޭގަނޑު މެޗުތައް ކުޅެވޭ ވަރަށް ދަނޑުގެ ލައިޓްތަކުގެ އަލި ނެތުމެވެ. މެޗުތައް ފަށާފައި ލައިޓް ނިވިގެން ހުއްޓާލަން ޖެހިދާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެތީ އެކަން ނުވާންް އެދޭތީއެވެ.

މި ފަހުން، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި، ލައިޓް ނިވިގެން އެ ފަދަ ހާލަތެއް ކުރިމަތިވެފައިވާތީ އެވެ.

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މައްސަލަ ޖެހިފައިވާތީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް އަންނަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *