ސިޔާސީ ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި، ރުކުންތަކާއި، އަދި ދީނީ ޝިޢާރުތަކަށް އިޙުތިރާމް ކުރަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތިވެރި މަޤުޞަދަކަށްޓަކައި ޙިމާޔަތްކޮށްފައިވާ މިނިވަންކަމެއް ކަމަށާއި، އެއީ މަތިވެރި ޙައްޤެއް ކަމަށެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތިވެރި މަޤުޞަދަކަށްޓަކައި ޙިމާޔަތްކޮށްފައިވާ މިނިވަންކަމެއް. އެއީ މަތިވެރި ޙައްޤެއް. ނަމަވެސް ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އިޙުތިރާމްކުރަންޖެހޭނެ. ރާއްޖޭގެ ޤާނޫނު…
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 23, 2026
”ނަމަވެސް ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އިޙުތިރާމްކުރަންޖެހޭނެ. ރާއްޖޭގެ ޤާނޫނު އަސާސީގައި ޚިޔާލުފާޅުކުރުގައި ދީފައިވާ މިނިވަންކަމުގެ ރޫޙަކީ ވެސް އެއީ. އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިޢާރުތަކަށް އެންމެހައި މުސްލިމުން އިހުތިރާމްކުރަންވާނެ“ ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އެފަދައިން ވިދާޅުވެފައިމިވަނީ އިސްލާމް ދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން، ކަމަށްވާ ނަމާދުގެ ސަޖިދަ، މަކަރާއި ހީލާތާ ގުޅުވޭހެން ދޭހަވާ ގޮތަށް ”އަދަދު“ ނޫހުން ޝާޢިއުކުރި ކާޓޫނުގެ މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.
އެކަމާއި ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ކޮންޓެންޓަކީ އިސްލާމް ދީނުގެ އަސާސްތަކަށް ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ. އެހެން ކަމުން އެ ކޮމިޝަނުން ވަނީ އެ މައްސަލައާއި ގުޅިގެން 5 ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ޖަވާބުދާރީ ވުމަށް އެ ނޫހަށް އަންގާފައެވެ.
އަދަދުއިން އާންމުކޮށްފައިވާ އެ ކޮންޓެންޓާ ގުޅިގެން ގިނަ ބަޔަކު ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެހެންނަމަވެސް އިދިކޮޅު އެމްޑީޕީން އިސްލާމްދީނަށް ފުރައްސާރަކުރުން ދިފާއުކުރިއެވެ. އަދި އަދަދު ނޫހުންވެސް ދަނީ މިކަން ދިފާޢުކުރަމުންނެވެ.














