Ads by
ޚަބަރު
އެކަށީގެންވާ ގޮތެއްގައި ނަތީޖާ ނުނެރެވޭ ކުންފުނިތައް ރީސްޓްރަކްޗާކޮށް، އުވާލަން ޖެހޭ ނަމަ އުވާލަނީ

އެކަށީގެންވާ ގޮތެއްގައި ނަތީޖާ ނުނެރެވޭ ކުންފުނިތައް ރީސްޓްރަކްޗާކޮށް، އުވާލަން ޖެހޭ ނަމަ އުވާލަން ސަރުކާރުން ނިންމައިފިއެވެ.

Ads by Eki Online

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅުކުރުމަަށް، އަންނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ ހަމައަށް މުއްދަތެއް ދޭން ނިންމާފައިވާކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ރަނގަޅަށް ޕާފޯމް ނުކުރެވޭ ކުންފުނިތައް ރީސްޓްރަކްޗާ ކުރަން ޖެހިއްޖެ ހާލަތެއްގައި ރީސްޓްރަކްޗާ ކުރުމާއި އުވާލުމުގެ މަސައްކަތް ކުރަން ޖެހޭ ހާލަތުގައި އެ މަސައްކަތް ކުރަން ފަށާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވި ސިޔާސަތުތަކުގެ ތެރޭގައި، ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތިކުރެވޭ އުސޫލު މުރާޖާކޮށް، ވަކިވަކި ކުންފުނިތަކަށް ޚާއްޞަ ކީ ޕަރފޯމަންސް އިންޑިކޭޓަރސް (ކޭ.ޕީ.އައި.) ކަނޑައެޅުން ވެސް ހިމެނެއެވެ.

އަދި ކުރިޔަށް އޮތް 3 މަހުގެ ތެރޭގައި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި ސަބްސިޑީ ދޭންޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް މިއަދު ވަނީ ނިންމާފައެވެ.

ދަޢުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެ ތަންތަނުގެ ހިންގުމަށް ޚަރަދެއްކުރަން ނުޖެހި، ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށް ސިޔާސަތުތައް އެކަށައެޅުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމެނޭ ކަމެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *