މާލޭގައި ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ހިދުމަތްދޭ 2 ތަނެއް ބަންދުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އެ 2 ތަން ބަންދުކުރީ މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންތަކެއްގެ ތެރެއިން ކަމަށެވެ.
2 ދުވަހެއްގެ މަތިން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން މި މަހުގެ 3 ވަނަ ދުވަހު އެންމެ ފުރަތަމަ ބަލާ ފާސްކުރީ ”ޓްރާންސްފާ މޯލްޑިވްސް“ ގެ ނަމުގައި، ހުއްދަ ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިޔަ ތަނެކެވެ.
އަދި އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ތަނުގެ ވިޔަފާރި ހުއްޓުވައި، ނޯޓިސް ހަރުކޮށްފައެވެ.
އޭގެ އިތުރުން މިއަދުވެސް އެފަދަ އޮޕަރޭޝަނެއް ހިންގައި ވަނީ ބޭރު ފައިސާގެ މުއާމަލާތް ހިންގާ ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަ ފިހާރަ އެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެތަނަކީވެސް އެމްއެމްއޭއިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން ފިހާރައަށް ދީފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ވަގުތީގޮތުން ބާތިލުކޮށްފައިވާ ކަމަށެވެ.













