Ads by
ރިޕޯޓް
ސުނާމީ ކާރިސާއަށް 19 އަހަރު: ހަނދާނުން ފިލައިގެން ނުދާނެ ހިތްދަތި ދުވަހެއް!
2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގެ ތެރެއިން.. ފޮޓޯ: މީސް މީޑިއާ

މީގެ 19 އަހަރު ކުރިން މި ދުވަހު ސުނާމީގެ ބިރުވެރި ކާރިސާ އާއި މުޅި ދުނިޔެ ކުރިމަތިލީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަދުވަހުއެވެ.

Ads by Eki Online

82 މީހުން މަރުވެ، 26 މީހަކު ގެއްލުނު އެކާރިސާއަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ހިތާމަވެރި, ބިރުވެރި ދުވަހެވެ.

ސުނާމީ އެރި ދުވަސް

ދުވަހަކީ އާދައިގެމަތިން މޫސުން ރަނގަޅު ދުވަހެކެވެ. އާންމު ދިރިއުޅުމުގެ އެކި މަސައްކަތްތަކުގައި އާންމުން ހަރަކާތްތެރިވަމުން ދިޔައެވެ. ކުއްލިއަކަށް މޫދުގެ ލޮނުގަނޑު ރަށުތެރެއަށް އަރައިގެން އުޅޭ މަންޒަރު ފެންނަމުން ދިޔައެވެ. އެއީ އެ ދުވަހުގެ ހެނދުނު 9:30 ހާއިރުއެވެ.

ދިވެހިންގެ ފަޚުރު ކަމުގައި ދެކެމުންއައި ރީތި މޫދުގެ ލޮނުގަނޑު މުޅި ރަށުތެރެއަށް ވިއްސާލީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ ބިޔަ ލޮނުގަނޑުގައި އެތައްބައެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ. ވީނުވިއެއް ނޭގި އެތައްބަޔަކު ގެއްލުނެވެ.

ލިބުނު ގެއްލުން

ސުނާމީގައި އުފެދުނު ބިޔަ ރާޅުތަކުގައި 30 މީޓަރ ނުވަތަ 100 ފޫޓު ހުރިކަމަށް ރެކޯރޑުތަކުން ދައްކައެވެ. މި ކާރިސާގެ ސަބަބުން ރާއްޖޭގެ ޖުމްލަ 13 ރަށަކުން މީހުން ހުސްކޮށް އެހެން ރަށްތަކުގައި އެމީހުން އާބާދު ކުރަން ޖެހުނެވެ. އޭގެ އިތުރުން ގިނަ ރަށްތަކަކުން ކަރަންޓުކެނޑި، ފެނަށް ވެސް ޖެހުނެވެ. ޖުމްލަ 79 ރަށަކުން ސާފު ބޯފެން ލިބުމުން މަޙުރޫމްވި އިރު، 26 ރަށަކުން ކަރަންޓުކެނޑި ހަތަރު ރަށަކުން އެއްކޮށް މުއާސަލާތީ ޚިދުމަތް ކެނޑުނެވެ.

20 ރަށެއްގެ މުޅި އިންފްރާސްޓްރަކްޗަރަށް އެއްކޮށް ވަނީ މިކާރިސާގެ ސަބަބުން އަސަރު ކޮށްފައެވެ. އޭގެ ތެރޭގައި އެރަށްތަކުގެ ބަނދަރާއި، ޖެޓީތަކުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.

އާންމުންގެ ތަޖުރިބާ

ސުނާމީ ކާރިސާގައި މި ދުނިޔެއާއި އަލްވަދާއުކީ ފަރާތްތަކުގެ ތެރޭގައި ކަލައިދުއަށް އުފަން ރުގިއްޔާ ހުސެއިންގެ ދަރިފުޅުގެ ވާހަކަ ހިމަނާލާނަމެވެ. ރުގިއްޔާ ބުނީ އެއީ އޭނާގެ ހަޔާތުގައި މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަވެރި ކާރިސާ ކަމަށެވެ. ދުވަހުގެ އެކި ކަންކަމުގައި ޝާމިލްވެ އުޅެނިކޮށް ރުގިއްޔާއަށް ބާރު އަޑުފަށްގަޑެއް އިވުނެވެ. އެ އަޑު އިވުމާ އެކު ކުދިންކޮޅު ގޮވައިގެން ރުގިއްޔާ ނިކުތީ މަގުމަށްޗަށެވެ. ރަށުގެ ތެރެއަށް ލޮނުގަނޑު އަރައިގެން އަންނަ މަންޒަރު ރުގިއްޔާއަށް ފެނުނީ އެވަގުތުއެވެ. ހިޔާވަހިކަން ހޯދުމަށް ދަރިންކޮޅު ގޮވައިގެން އޭނާ ވަނީ ގަރާޖަކަށެވެ. އިރުކޮޅެއް ނުވެ ގަރާޖުގެ ފުރާޅު ވެއްޓުނީ ދަރިންނާއި ރުގިއްޔާގެ ބޯ މައްޗަށެވެ. ދެ ކުދިން ވެސް ރުގިއްޔާގެ އަތުން ދޫވީ އެހިސާބުންނެވެ. ދަރިފުޅާއޭ ކިޔާ ރޮއެ އާދޭސް ކުރަމުން ރުގިއްޔާ ލޮނުގަނޑާއި ހަނގުރާމަ ކުރަމުން ދިޔަ ނަމަވެސް ކުއްޖާގެ ހިލަމެއް ނުވިއެވެ. ލޮނުގަނޑު ހިދުމުން ރަށުގެ އެތަން މިތަން ހޯދަމުން ދަނިކޮށް ގަރާޖު ކައިރިން ފިރިހެން ކުއްޖާ ފެނުނެވެ. އެެ ކުއްޖާ ސަލާމަތްވިއެވެ. އޭނާގެ އަންހެން ދަރިފުޅު ހޯދަމުން ދަނިކޮށް އެކުއްޖާ އޮތީ ގެއެއްގެ ފުރާޅުގެ ދަށުގައި ނިޔާވެފައެވެ.

އެދުވަހު ހިނގައިދިޔަ ކަންތައް ސިފަ ކުރަމުން އެހެން މީހަކު ކިޔައިދިން ގޮތުގައި އޭނާ ހީކުރީ އެދުވަހު މުޅި ރަށް އެއްކޮށް ގިރިގެން ދާނެ ކަމަށެވެ. މީހުން ރާޅުގެތެރެއަށް އޮޔާ ދެމިގެން ދިޔަތަން ފެނުނު ކަމަށާއި އެވަގުތު އޭނާ ހުރީ ރުކެއްގައި ބާރަށް ހިފަހައްޓައިގެން ކަމަށް ބުންޏެވެ.

މިފަދަ އެތައް ތަޖުރިބާ ކުރި އެތައް ދިވެހިންނެއް އެބައުޅެއެވެ. އިއްޔެ ވީ ކަމެއްހެން އެހުރިހާ ހަނދާނެއް އަދިވެސް ހިތުގައި ބިންވަޅު ނެނގިފައި ވަނީ ހަދާނުން ނުފިލާނެ ވަރަށެވެ. ދެންމެ ވީ ކަމެއް ފަދައިންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *