Ads by
ޚަބަރު
ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޖަމީލް ހަމަޖައްސަވައިފި

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙުމަދު ހަމަޖައްސައިފިއެވެ.

Ads by Eki Online

މިކަން އިއުލާން ކޮށް ޕީޕީއެމުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންގް މޭޓަކަށް ޑރ. ޖަމީލް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ. ޕީޕީއެމުން ވަނީ ޖަމީލަށް މަރުހަބާ ވިދާޅުވެފައެވެ.

ޑރ. ޖަމީލަކީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ނައިބު ރައީސެވެ. ނަމަވެސް ރައީސް ޔާމީނާއި ޑރ.ޖަމީލްގެ ހިޔާލު ތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން ޕީޕީއެމް އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ 2015 ޖުލައި 21 ގައި ޑރ. ޖަމީލް ނައިބު ރައީސް ކަމުން ދުރުކޮށްފައެވެ.

ޖަމީލް މަގާމުން ވަކި ކުރަން ނިންމިއިރު އޭނާ ހުންނެވީ އިނގިރޭސިވިލާތުގައެވެ. މަގާމުން ވަކި ކުރުމުން ޖަމީލް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުގެ، ގިނަ ތުހުމަތުތަކެއް ވެސް އެމަނިކުފާނަށް އަމާޒު ކުރެއްވިއެވެ. ޖަމީލް ދެން މަސައްކަތް ކުރެއްވީ އޭރުގެ އިދިކޮޅާއެކުއެވެ.

އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއިން ކުރިމަތިވި ނާކާމިޔާބީ އާއެކު ސަރުކާރާއި ދެކޮޅުވެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ބަހުގެ ހަމަލާތައް ދެއްވައި ރައީސް ޔާމީންގެ ދިފާއަށް ޖަމީލް ނިކުންނެވިއެވެ.

ޖަމީލަކީ މިހާރު ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންގެންދަވާ ފަރާތެކެވެ.

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކޮށްގެންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *