Ads by
ޚަބަރު
ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި

ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by Eki Online

ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތައް އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވި ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ޤާސިމް އިބްރާހީމާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ޞިޔާމް މުޙައްމަދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ޙަސަން ލަޠީފެވެ.

މި ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޤައުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާއާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެގޮތުން ޤައުމުގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމާއި ސަރުކާރުން ކުރިޔަށްގެންދަވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ދާޚިލީ އަދި ޚާރިޖީ އެކިއެކި ކަންކަމުގައި ޤައުމީ މަސްލަޙަތު އިސްކުރައްވައި، ސަރުކާރަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.

އަދި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ވަރަށް މުހިންމުކަމަށާއި މިފަދަ އިތުރު ބައްދަލުވުންތައް ކުރިމަގުގައި ވެސް ބާއްވަވާނެކަމުގައި ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *