Ads by
ޚަބަރު
މަސްވެރިކަމަކީ އެންމެ ބޮޑު އާމުދަނީއެއް ލިބޭ ސިނާއަތަށް ހަދާނަށް: ރައީސް ޑރ. މުޢިއްޒު

މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމުދަނީއެއް ލިބޭ ސިނާއަތައް ހެދުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި “މަސްވެރިންގެ ގުންޒަރު 2023” ގައި ބައިވެރިވެ ދެއްކެވި ވާހަކަފުޅުގައިއެވެ.

މަސްވެރީންގެ ގުންޒަރުގައި ރޭ ވާހަކަދެއްކެވި މަސްވެރީން ވަނީ، މަސްވެރީންނަށް ކުރިމަތިވެފައިވާ ދަތިތަކާ ކަންބޮޑުވުންތައް ރައީސްއަށް ދަންނަވައިފައެވެ. އަދި މަސްވެރިކަން ކުރިއެރުވުމަށް ކުރާ އުންމީދުތަކާ، ދިވެހި މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީއާ ދިރިއުޅުމުގެ ހާލަތާމެދުވެސް ވާހަކަދައްކަވައިފައެވެ.

މަސްވެރިންގެ ޝުޢޫރުތަކާ، ސުވާލުތަކާއި ގުޅިގެން ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ކުރިއަށް ގެންދެވުމަށް ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަހައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމާ، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރެއްވުމާ، މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މަސްވެރީންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވި ގިނަ ކަންކަމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ކަންތައްތައްކަން ފާހަގަކުރެއްވިއެވެ. އަދި އެއިން ކޮންމެ ވައުދަކީ ފުއްދަވާނެގޮތް ހޯއްދަވައިގެން ވެވަޑައިގެންނެވި ވައުދުތައްކަން ފާހަގަކުރައްވައި، އެކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ތަކުރާރުކުރެއްވި އެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެބޮޑު އާމުދަނީއެއް ލިބޭނެ ސިނާއަތަކީ މަސްވެރިކަން ކަމުގައި ހެދޭނެގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެން، އެ ސިނާއަތުގެ ތަރައްގީ ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ލިބޭ ބޭރުގެ އެހީތަކުގެ ތެރެއިން ބައެއް، މަސްވެރިކަން ތަރައްޤީކުރުމަށް ހޭދަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަސްވެރީންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ ތިން ހަފުތާގެ ތެރޭގައި ދެއްވަން ފަށްޓަވައިފިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށެވެ. އަދި މި ފައިސާވެސް ވީ އެންމެ އަވަހަކަށް މަސްވެރީންނަށް ދޫކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.

މި ގުންޒަރުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުންވެސް މަސްވެރީން ބައިވެރިވެ އެވެ. ރޭގެ ދަންފަޅީގައި ވާހަކަދެއްކުމުގެ ފުރުސަތު ލިބުނު މަސްވެރީންވަނީ، މަސްވެރީންގެ އަޑު އައްސަވައި، މަސްވެރީންނާ ބައްދަލުކޮށްލެއްވުމަށް ވަޑައިގެންދެއްވީތީވެ، ރައީސްއަށް ޝުކުރު އަދާކުރައްވައިފައެވެ.

މަސްވެރީންގެ ގުންޒަރުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ، ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ ބާއްވަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، މަސްވެރިކަމުގެ ދާއިރާއަށް މުހިންމު ގިނަ ކަންތައްތަކެއް ރައީސް އިއުލާން ކުރައްވާނޭކަން ހާމަކުރައްވައިފަ އެވެ. އަދި މަސްވެރިކަމުގެ ސިނާއަތަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ސިނާއަތެއްކަން ފާހަގަކުރައްވައި، މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ހުށަހެޅުއްވި ފުރަތަމަ ކަރުދާހަކީ، އަދި ވަޒީރުންގެ މަޖިލީހުން ފުރަތަމަ ނިންމެވި ނިންމެވުމަކީވެސް މަސްވެރިކަމާ ގުޅުންހުރި ނިންމެވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭ މި ގުންޒަރުގައި ކުރިއަށް ދިޔަ ދަންފަޅިއަށްފަހު، ރައީސް ވަނީ މަސްވެރިންނާއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެން، މަސްވެރިންނާ ޚިޔާލު ބަދަލުކުރައްވައި، އިތުރު މަޝްވަރާތައް ކުރައްވައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *