Ads by
ޚަބަރު
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ޤައުމީ މަސައްކަތަކަށް ހަދަންޖެހޭ: ރައީސް ޑރ. މުޢިއްޒު

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ޤައުމީ މަސައްކަތަކަށް ހަދަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުގެ އެއްވެސް ފަރާތެއް ކޮރަޕްޝަންގެ ޢަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ކޮރަޕްޝަނާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކުރެވެންހުރި މަސައްކަތްތައް ޢިލްމީ ފެންވަރުގައި ކުރިއަށްގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ ސިޔާސަތަކަށްވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުންދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިއަހަރުގެ ޝިއާރު “ޔުނައިޓިންގ ދަ ވަރލްޑް އަގެއިންސްޓް ކޮރަޕްޝަން” ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއްޅުއްވައިލެއްވިއެވެ. މިގޮތުން، މި ޝިއާރުންވެސް އެނގެނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި މުޅި ދުނިޔެ އެކައްޗަކަށް ވާންޖެހޭކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ޤައުމީ މަސައްކަތަކަށް ހަދަންޖެހޭކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، ކޮންމެ މީހަކުވެސް އެމީހަކާ ހަމައިން ކޮރަޕްޝަނަށް ނޫނެކޭ ބުނަން ފެށުމަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، އެއްވެސް ފަރުދަކު އެ އޮންނަ އުސޫލުން ބޭރުން ކަންކަމަށް ނޭދުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ޤައުމުގެ މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތައް އަމާނަތްތެރިވުމަށާއި، ފަރުވާތެރިވުމަށާއި، އިޚްލާސްތެރިވުމަށާއި، ދީންވެރި ހިތެއްގެ ވެރިއަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރު އެޅުއްވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ އިފްތިތާހު ކޮށްދެއްވާފައެވެ. މި އެކަޑަމީގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަނާއި، އިޤްތިޞާދީ ކުށްތައް ތަޙުޤީޤުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަޞީލަތް ބިނާކުރުމެވެ.

މިއަދުގެ ޖަލްސާގައި، ކޮރަޕްޝަނާ މެދު އާންމުން ދެކޭގޮތުގެ ޤައުމީ ފެންވަރުގެ ދިރާސާ “ނޭޝަނަލް ކޮރަޕްޝަން ޕަރސެޕްޝަން ސަރވޭ 2023” ނެރެދެއްވުންއޮތެވެ. އަދި ކޮރަޕްޝަން ރިސްކް ސެލްފް އެސަސްމަންޓް ޓޫލްކިޓް އާންމުކުރުމާއެކު، މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑު ވެސް އިފްތިތާހު ކުރެއްވުންއޮތެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *