ވެރިކަންކުރާ މައި ޕާޓީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) އިސްތިއުފާ ދެއްވައިފިއެވެ.

ޠާރިޤް އެ މަގާމުން އިސްތިއުފާ ދެއްވިކަން ޕީއެންސީގެ އެހެން މަަޖިލިސް މެމްބަރުންތަކެއް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ޠާރިޤް އިސްތިއުފާ ދިނީ މިއަދުއެވެ.
ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ޠާރިޤް އައްޔަންކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މެއި 22، ގައި އެ ޕާޓީގެ ޕީޖީ ގްރޫޕާއެކު ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނެވެ. ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ޠާރިޤުގެ އިތުރުން 3 މެންބަރުން ތިއްބަވައެެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންކަން ކުރައްވާތާ ގިނަ ދުވަސްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޠާރިޤް މަޖިލީހުގެ މެންބަރުކަން ކުރައްވާތާ މިއީ ތިންވަނަ ދައުރެވެ.
ޕީއެންސީގެ މަގާމުން ޠާރިޤް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ޔަގީން ނުވި ނަމަވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް އައުމަށް ތޯރިގު ކެމްޕޭން ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.