ތެލެސީމިއާއަކީ ލޭގައިވާ އާދަޔާޚިލާފުކަމެކެވެ. މި ބަލީގެ ސަބަބުން ލޭގައި ހިމެނޭ ހީމޯ ގުލޯބިން ނުވަތަ އެޗް.ބީ ފުރިހަމައަށް އުފައްދައެއްނުދެއެވެ. ތެލެސީމިއާ ހަމައެކަނި ވާރުތައް ކުރަނީ މައިންބަފައިންގެ ފަރާތުން ދަރިންނަށެވެ.
ތެލެސީމިއާ ކުދިންގެ މައިގަނޑު ފަރުވާއަކީ ޤަވާއިދުން ލޭއެޅުމާއި، ހަށިގަނޑުގައި ޖަމާވާ ދަނގަނޑުގެ ބައި ދަށްކުރުމަށްޓަކައި ބޭސް ބޭނުން ކުރުމެވެ. ރާއްޖޭގައި ވެސް ތެލެސީމިއާ ކުދިން ގިނައިރު ލޭ އަޅަންޖެހޭ ކުދިންގެ ދަފްތަރުގައި 1000އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީވެފައި އެބަތިއްބެވެ.
ތެލެސީމިއާ ކުދިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ، ލޭ ހަދިޔާކުރާނެ މީހުން ނުލިބުމުގެ މައްސަލައެވެ. ނަމަވެސް ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޚިދުމަތާއި ލޭ އެޅުމުގެ އިންތިޒާމްތައް ކުރިއަށްވުރެ މިހާރު ވަނީ ފުޅާކޮށްފައެވެ. އެގޮތުން ތެލެސީމިއާގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ކޮށްދިނުމުގެ އިތުރުން، ޒަކާތު ފަންޑު މެދުވެރިކޮށް ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތުވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ.
ތެލެސީމިއާގެ އަލާމާތްތަކުގެ ތެރޭގައި ބަނޑުހައިހޫނުކަން ކުޑަވުން, ހަނގަނޑުގެ ކުލަ ފިޔާތޮށި ނުވަތަ ރީނދޫ ކުލައަށް ބަދަލުވުން, ކުޑަކަމުދާއިރު ކުލަ ބަދަލުވުން ހިމެނެއެވެ. ތެލެސީމިއާ ގިނަފަހަރަށް ދެނެގަނެވޭނީ އާންމުގޮތެއްގައި ކުއްޖާގެ އުމުރުން ފުރަތަމަ ދެ އަހަރު ތެރޭގައެވެ. ތެލެސީމިއާ ބަލީގެ ކުދިންނަށް އޮތް ދާއިމީ ފަރުވާއަކީ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމެވެ. މީގެ އިތުރުން ފޮލިކް އެސިޑް ކެއުމާއި ގަވާއިދުން ލޭ އަޅަން ޖެހެއެވެ.
ތެލެސީމިއާ އިން ރައްކާތެރިވުމަށް ޖެނެޓިކް ކައުންސެލިން، ކެރިއާ ސްކްރީނިން އަދި ޕްރީނެޓަލް ޓެސްޓިން ހިމެނޭ ގޮތަށް ގިނަ ގޮތްތަކެއް ގެންގުޅެން ޖެހެއެވެ. ޢާއިލާ ރޭވުމާ ގުޅޭ ގޮތުން މަޢުލޫމާތު އެއްކޮށް, މުހިންމު ނިންމުންތައް ނިންމުމަށް ފަރުދުން ބާރުވެރިކުރަންޖެހެއެވެ.
ސްކްރީން ކުރުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން ކެރިއަރުން އަވަހަށް ދެނެގަނެ، ދަރިފަސްކޮޅަށް ބަލި ފެތުރުމުގެ ނުރައްކާ ކުޑަކުރުމަށް އިންޓަވެންޝަނާއި ކައުންސެލިން އަށް މަގުފަހިކޮށްދެއެވެ.
ތެލެސީމިއާ ފަދަ ދާއިމީ ބައްޔަކާއެކު ދިރިއުޅުމަކީ ނަފްސާނީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން ޢާއިލާއާއި ރައްޓެހިންނާއި ސަޕޯޓް ގްރޫޕްތަކުން ނުވަތަ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަކީ މުޅި ދުޅަހެޔޮކަން އިތުރުވެ، ފަރުވާގެ ޕްލޭންތަކަށް ބޯލެނބުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.