މަންމާއެވެ. މަންމަ އަކީ ރައްކާތެރި ކަމާއެކު އަހަރެން ދުނިޔެ އަށް ގެނެސް ދިނުމަށް، ތަޞައްވަރު ނުކުރެވޭހާ ބުރަޔާއި ވޭން އުފުލަމުން ދިޔަ ހިތްވަރުގަދަ މަންމައެވެ. އަހަންނަށް ޓަކައި އެތައް ރޭގެ ނިދި ނަގާލި ފިސާރި ކަނބަލެކެވެ. މަންމަ ތިއީ އަހަރެންގެ ލޮލުގެ ނޫރެވެ. އަހަރެންގެ ހިތުގެ ފިނިކަމެވެ. މަންމައަކު ދަރިއަކު ދެކެ ލޯބިވާ ފަދައިން އަހަރެން މަންމަދެކެ ލޯބިވަމެވެ.
އަހަރެން ބަލިވުމުން އެންމެ ކައިރީގައި އަބަދުވެސް ހުންނަނީ މަންމައެވެ. ރަނގަޅު ގޮތާއި ނުބައި ގޮތް ކައިދޭން ހުންނަނީ ހަމަ މަންމައެވެ. އަހަރެންނަށް އެންމެ މީރު ކާއެއްޗެހި ކަންދީ, އެންމެ ރަނގަޅު ގޮތުގައި އަހަރެން ތަރުބިއްޔަތު ކުރުމަށް ކުރި ބުރަ މަސައްކަތް އަދިވެސް އަހަރެން ހަނދާނުގައި އެބަހުއްޓެވެ.
އަމިއްލަ ކަންކަން ނުކޮށް އަހަރެންނަށް ޓަކައި ހިނިތުންވުމަކާއި އެކު ހުރިހާ ކަމެއް ކޮށްދިން ފަރާތަކީ މަންމައެވެ. މަންމަ ކާނެ އެއްޗެއް ނެތަސް އަހަރެންނަށް މަންމަ ހުންނާނީ ކާންދީފައެވެ. ނިންޖާއި އަރާމު އަހަރެންގެ ޙައްޤުގައި ޤުރުބާން ކުރި އެންމެ ސާފު ހިތުގެ ވެރިޔަކީވެސް ހަމަ ތި މަންމައެވެ.
އަހަރެން ހިނިތުން ވެއްޖެނަމަ މަންމައަށްވެސް ހީލެވެއެވެ. އަހަރެންގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނިއްޖެނަމަ މަންމަވެސް ދެރަވެއެވެ. އަހަރެންނަށް ކުށެއް ކުރެވޭހިނދު އަހަރެން އަމިއްލައަށް މާފަށް އެދުމުގެ ކުރީގައި އަހަންނަށް މާފު ކުރަނީ ވެސް މަންމައެވެ. މަންމަ އުފުލި ބުރައިގެ ބަދަލު އަދާކޮށްދޭނެ ގޮތެއް ވެސް އަހަރެންނަކަށް ނޭނގެއެވެ.
މަންމާއެވެ. އަހަންނަކީ މަންމަގެ ފޮނި އުއްމީދެވެ. އަދި އަހަންނަށް މަންމަ ފަހުރުވެރިވާ ފަދަ ދަރިއަކަށް ނުވެވުނު ކަމުގައި ވީނަމަވެސް ﷲ ގެ އިރާދަފުޅުން އަދި އެދުވަސް މަންމަ ދެކޭނެއެވެ. އަހަންނަށްޓަކައި ދުޢާކޮށްދެއްވާށެވެ. މަންމަގެ ދުޢާއަކީ އަހަންނަށްޓަކައި ދުނިޔެއާއި ދުނިޔޭގައިވާހާ މުދަލަކަށްވުރެ އަގުހުރި އެއްޗެކެވެ.
މަންމާއެވެ. މަންމަގެ ހިތުގައި ޖެހޭފަދަކަމެއް، އެނގިގެން ނަމަވެސް، ނޭނގި ނަމަވެސް ކުރެވިފައިވާނަމަ، އެކަމަކަށް އަހަންނަށް މާފުކޮށްދެއްވާށެވެ.
އަހަރެން މަންމަ ދެކެ ވަރަށް ލޯބިވަމެވެ.