ދަރިންނަކީ މާތް ﷲ އިންސާނާއަށް ދެއްވާ ނިޢުމަތެއްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މި ދުނިޔޭގައިއަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ކަމަކީ، އެއީ ނިޢުމަތެއްކަމުގައި ވިޔަސް އަދި މުޞީބާތެއް ކަމުގައިވިޔަސް، އެކަމުގައި އެކުލެވިގެންވާ އެންމެ އާންމު ޙިކުމަތަކީ، އެއީ އިމްތިޙާނެއް ކަމެވެ. އެގޮތުން ދަރިންގެނިޢުމަތަކީވެސް އިމްތިޙާނެއް ކަމާމެދު ޝައްކެއްނެތެވެ.
ރަނގަޅު ސިއްޙަތެއްގައި ދަރިފުޅު ހުރުމަކީ ކޮންމެމަޔަކުވެސް އެންމެ ބޭނުންވާނެ ކަމެކެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ނެތް ނަމަވެސް އެކަމަށް ޝުކުރުވެރިވާން ޖެހެއެވެ. މާތް ﷲ ގެ ޙަޟްރަތުގައި އަބަދުމެ ޙަމްދު ކޮށް ޝިފާ ލިބުން އެދި ދުޢާ ކުރުން ނޫން ގޮތެއްނެތެވެ.
ދަރިންނަކީ الله ތަޢާލާގެ ޙަޟްރަތުން ލިބޭ އަގުހުރި ޚަޒާނާއެކެވެ. ކޮންމެ ކުއްޖަކީވެސް އިޙްތިރާމާއި ކަރާމާތަށް ޙައްޤު، ތަފާތު ކުއްޖަކަށްވާއިރު ދުޅަހެޔޮ، އުފާވެރި މާހައުލެއްގައި ދަރިން ތަރުބިއްޔަތުކޮށް، ބޮޑުކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ކޮންމެ ކުއްޖަކީވެސް الله ތަޢާލާގެ ޙަޟްރަތުގައި އަގުހުރި ކުއްޖަކަށްވާއިރު، އެކުއްޖަކަށް ވެސް އެކުދިންގެ ފުރިހަމަ ޤާބިލުކަން ކުރިއެރުވުމަށްޓަކައި، އެކުދިންދެކެ ލޯބިވެ، ތަރުބިއްޔަތުކޮށް، ފެންވަރު ރަނގަޅު އަޅާލުމަކުން ޝަރަފު ލިބުން ޙައްޤެވެ.
އެހެންކަމުން، އެންމެ ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނީ، ރަސޫލާގެ ކިބައިން ފިލާވަޅު އުނގެނި ރަނގަޅުގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށެވެ. ކީރިތި ރަސޫލާގެ ޝަޚްޞިއްޔަތަކީ ހަމައެކަނި ވަކި މުއްދަތަކަށް، ޖީލަކަށް، ޤައުމަކަށް، ދީނަކަށް ނުވަތަ ތަނަކަށް ނަމޫނާ ދެއްކެވި ޝަޚްޞިއްޔަތެއް ނޫނެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ.
إِنَّ مِنْ أَكْمَلِ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا وَأَلْطَفُهُمْ بِأَهْلِهِ
“ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރެއިން އެންމެ ފުރިހަމަ އީމާންކަން ލިބިގެންވާ މީހަކީ އަޚްލާޤުގެ ގޮތުން އެންމެ ރަނގަޅު، އޭނާގެ ޢާއިލާއަށް އެންމެ އޯގާތެރި މީހާއެވެ.”
(ސުނާން އައްތިރްމިޒީ)
ދަރިން ކުޑައިރު އެކުދިންނަށް ބޮސްދިނުމާއި އެކުދިންގެ ގައިގައި ބައްދާލާ ހެދުމަކީ ލޯތްބާއެކު ތަރުބިއްޔަތު ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ލޯތްބާއެކު ތަރުބިއްޔަތުކުރުމުގައި އެންމެ ފައިދާކުރާ އަދި އެންމެ ބޮޑަށް އަސަރުކުރާކަމަކީ އެކުދިންނަށް ހިދާޔަތު ދައްކަވާ، ތައުފީޤުދެއްވާ، އިޞްލާޙުކޮށްދެއްވާ އަދި ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރުން މަތީ ދެމިހުރުމެވެ.
ލޯތްބާއެކު ތަރުބިއްޔަތު ކުރުމަށް އެކުވެރިކަމާއެކު ގުޅިގެން އުޅެވޭނެ ޢާއިލި މާހައުލެއް ބޭނުންވެއެވެ. އެތަނުގައި އުފާވެރިކަމުގެ ރޫޙުވެއެވެ. އަދި އެތަނުގައި ޝަރުޢީ ޙުދޫދުގެ ތެރޭގައި އުފާ ޙާޞިލުކުރެވޭނެއެވެ.
ކުދިންނަށް ލޯބިދީގެން އަދި ގާތްކޮށްގެން ތަރުބިއްޔަތުކުރުމުގެ އަހައްމިއްޔަތު މިއަދު މިވަނީ ވަރަށް ބޮޑުވެފައެވެ.