އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު ޖުމްލަ އަށް ކެނޑިޑޭޓަކުން މިފަހަރުގެ އިންތިހާބުގައި ވާދަކުރެއެވެ. ފަސް ސިޔާސީ ޕާޓީއަކުން ކެނޑިޑޭޓުން ނެރެއެވެ. އިންތިހާބަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު، ބަލާލި ކޮންމެ ހިސާބަކުންމެ ފެންނަނީ ކެންޑިޑޭޓުން ކެމްޕެއިން ކުރަމުންދާ މަންޒަރެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ އަށް ކެންޑިޑޭޓުންނަކީ:
- އިބްރާހިމް މުހައްމަދު ޞާލިޙް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
- ޑރ. މުހައްމަދު މުއިއްޒު، ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)
- މުހައްމަދު ނާޒިމް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)
- ގާސިމް އިބްރާހިމް، ޖުމްހޫރީ ޕާޓީ (ޖޭޕީ)
- އިލްޔާސް ލަބީބު، ދަ ޑިމޮކްރެޓްސް
- އުމަރު ނަސީރު، އަމިއްލަ
- ފާރިސް މައުމޫނު، އަމިއްލަ
- ހަސަން ޒަމީލް، އަމިއްލަ
ގާތްވަމުންދާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަކީ ބަދަލެއް ގެނައުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަން ޔަގީނެވެ. މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މައިދާގައި އިތުރު ވަރުގަދަ ޝަހުސިއްޔަތުތަކެއްވެސް ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަށް ކިއުގައި ޖެހިވަޑައިގެން އެބަ ތިއްބެވިއެވެ.
އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަކީވެސް ސިޔާސީ މައިދާނާއި ގައުމުގެ ހިންގުންތެރިކަމުގެ ތެރެއިން ނުރަނގަޅު އެތައް ކަމެއް ފާހަގަކުރެވި އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށް ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވެއެވެ. މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ ބެހޭ ކުރު ތަޢާރަފަކަށް ބަލާލަމާ ހިނގާށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިހް އަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަކީ 1995 ވަނަ އަހަރުން ފެށިގެން ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ އެންމެ އިސް އަދި ތަޖުރިބާކާރު އެއް ސިޔާސީ ބޭފުޅެއްގެ ހައިސިއްޔަތުން އާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ތެރެއިން އެމްޑީޕީ އާއި ގައުމީ އިސްލާހީ ހަރަކާތް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ރައީސް ޞާލިޙަކީ 2011 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެވެ. އެމަނިކުފާނު ވަނީ 2017 ވަނަ އަހަރުގެ މާޗް މަހު އިދިކޮޅު ކޯލިޝަން އުފެދުނު ފަހުން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާފައެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ތީއެވެ.
ރައީސް ޞާލިޙަކީ ޑިމޮކްރެޓިކް އުސޫލުން އިންތިހާބުވި ތިންވަނަ ރައީސެވެ. ރައީސް ޞާލިޙަކީ އުމުރުން 54 އަހަރުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދެވަނަ އަށް އެންމެ ދުވަސްވީ ރައީސެވެ.
އުމަރު ނަސީރު
އުމަރު ނަޞީރު ތަޢުލީމް ހާސިލް ކުރެއްވީ އާލިޔާ ސްކޫލް އިންނާއި އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް އިންނާއި ސްރީލަންކާގެ ރޯޔަލް އިންސްޓިޓިއުޓް އިންނެވެ. އަދި މިލިޓަރީ ތަމްރީން ހޯއްދެވީ ގިރިފުށީ ޓްރޭނިންގް ކޭމްޕް ގައި އިގިރޭސި ސިފައިންގެ އެހީގައެވެ. އަދި ފުލުހުންގެ ތަމްރީން ހޯއްދެވީ ޖަޕާނުންނާއި އިގިރޭސި ވިލާތުގެ ވެސްޓް ޔޯކްޝަޔަރ ޕޮލިސް ޓްރޭނިންގް ސެންޓަރު ގައެވެ.
ތަޢުލީމީ ދައުރު ނިންމެވުމަށްފަހު ޤާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރުގެ ޚިދުމަތަށް ނެރުއްވެވިއެވެ. ޚިދުމަތަށް ނުކުތުމަށް ސަރުކާރުން ހަމަޖެއްސެވީ ސިފައިންގެ މީހެއްގެ ގޮތުގައެވެ. ތަމްރީން ނުހައްދަވާ ސިފައިންގެ އާދައިގެ މީހެއްގެ ގޮތުގައި ހުންނަވަނިކޮށް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާ ގުޅިގެން ސްރީލަންކާގެ ބާޢީންގެ ބަޔަކު ދިވެހިރާއްޖެ އަށް ދިން ހަމަލާގައި ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރައްވާ ނޮވެމްބަރު 3 ގެ މެޑެލް ޢުމަރު ނަޞީރު އަށްލިބިލެއްވިއެވެ.
12 ޑިސެމްބަރު 2005ގައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އުފައްދާފައިވެއެވެ. އެ ޕާޓީ 2013 ވަނަ އަހަރު ވަނީ އުވާލާފައެވެ. އުމަރު ވަނީ އާ ގާނޫނުއަސާސީގެ ދަށުން 2018ގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައެވެ.
ޑރ. މުޙައްމަދު މުޢިއްޒު
ޑރ. މުޢިއްޒަކީ 2001 ވަނަ އަހަރު ޔުނިވާސިޓީ ކޮލެޖް ލަންޑަނުން ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގުރީ ،”ފަސްޓު ކްލާސް އޮނާސް” ނުވަތަ އެންމެ މަތީ ދަރަޖައިގެ ޝަރަފާއެކު ޙާޞިލުކުރައްވައި، ހަމަ އެ ޔުނިވާސިޓީން 2002 ވަނަ އަހަރު މާސްޓާސް އޮފް ސައިންސް ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޙާޞިލުކުރެއްވި ބޭފުޅެކެވެ.
ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2005 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. މުޢިއްޒޔު ވަނީ ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާފައެވެ.
ޑރ.މުޢިއްޒު ރާއްޖޭގެ ހައުސިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތީ 2012 ވަނަ އަހަރުގައެވެ. އެއިރު އޭނާގެ ޢުމުރަކީ އެންމެ 33 އަހަރެވެ. 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގައި ވެރިކަން ބަދަލުވުމާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޢިއްޒު ވަނީ ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ.
މުއިއްޒު އުފަންވެވަޑައިގަތީ ޖޫން 15، 1978 ގަ އެވެ. މިހާރުގެ އުމުރުފުޅަކީ 45 އަހަރެވެ.
ޤާސިމް އިބްރާހީމް
އަލްފާޟިލް ޤާސިމް އިބްރާހީމް އަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކެއް ބައިވެރިވެގެން ބޭއްވި ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓެވެ. ގާސިމް އަކީ ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރި ވިލާ ގުރޫޕްގެ ހުރިހާ ކުންފުނިތަކެއްގެ ބާނީ އަދި ވެރިފަރާތް ވެސް މެއެވެ.
1969 ވަނަ އަހަރު ތަޢުލީމީ މަރުޙަލާ ނިންމުމަށްފަހު ޤާސިމް އިބްރާހީމް އިބްރާހީމް ސަރުކާރުގެ ޚިދުމަތަށް ވެދެވަޑައިގެންނެވިއެވެ.
ދިވެހި ސަރުކާރުގެ ތަފާތު ވަޒީފާތައް ޤާސިމް އިބްރާހީމް އެކިދުވަސްވަރު އަދާކުރައްވާފައި ވެއެވެ. 2005 ވަނަ އަހަރު ދިވެހި ސަރުކާރުގެ ކެބިނެޓުން ޤާސިމް އިބްރާހީމް އަށް ޖާގަ ލިބިވަޑައިގެންނެވިއެވެ. އެގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ މަގާމް 18އޮގަސްޓް 2005 އިން ފެށިގެން 2008 ގެ ޖުލައި އަށް ކޮށްފައިވެއެވެ. ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ 10 ޖުލައި 2008 ގައެވެ.
ޤާސިމް އިބްރާހީމް ސަރުކާރުން އިސްތިއުފާ ދެއްވުމާއި، އަދި ދިވެހި ރައްޔިތުންގެ ޕާޓީ އިން އިސްތިއުފާ ދެއްވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސްފަހުން ގިނަ ވިޔަފާރިވެރިން ތަކެއް އިސްވެގެން އުފެއްދި ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ 7 އޮގަސްޓް 2008 ގައެވެ.
ޤާސިމް އިބްރާހީމް ވަނީ 1 ނޮވެންބަރު 2018 އިން 27 މެއި 2019 ގެ ނިޔަލަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ.
ފާރިސް މައުމޫން
ފާރިސް އަކީ ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ކަމުގައި ހުއްޓައި ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޖަލަށް ލިއެވެ.
އެ ދައުވާގެ ތެރޭގައި އުޅުއްވަނިކޮށް، އިސްލާހީ މަސައްކަތުގެ ތެރެއިން ފާރިސް އިސްވެ ހުންނަވާ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތަށް ޖުލައި 18، 2017 ގައި ފާރިސް ހައްޔަރު ކުރިއެވެ.
ފާރިސް އަކީ އިލެކްޝަންސް ކޮމިޝަންސްއިން އުވާލަން ނިންމާފައިވާ އެމްއާރުއެމްގެ ރައީސްއެވެ. ރިޔާސީ އިންތިހާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
އިލްޔާސް ލަބީބް
އިލްޔާސް ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހާސިލު ކުރެއްވީ އިނގިރޭސި ވިލާތުންނެވެ. އެއަށް ފަހު އިނގިރޭސި ވިލާތުގެ ކޮންވެންޓްރީ ޔުނިވާސިޓީން ބެޗްލާ އޮފް ކޮމްޕިއުޓާ ސައިންސް ފުރިހަމަ ކުރެއްވިއެވެ.
އިލްޔާސް އަކީ މިހާރު މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މުގައްރިރެވެ. މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އޭނާ އިންނަވައެވެ. މީގެ ކުރިން އިލްޔާސް ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ޑިމޮރެކްޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް ލަބީބް ހުންނަވާއިރު އޭނާގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.
ޑިމޮކްރެޓްސް އަކީ ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ކުރި ޕާޓީއަށްވީ ނަމަވެސް އެ ޕާޓީއަށް ރަނގަޅު ތާއީދެއް އޮތް ކަމަށް ފެނެއެވެ.
އިލްޔާސް އުފަންވެވަޑައިގަތީ ޖެނުއަރީ 17, 1979 ގައެވެ. މިހާރުގެ އުމުރުފުޅަކީ 44 އަހަރެވެ.
މުޙައްމަދު ނާޒިމް
ނާޒިމަކީ ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނާޒިމް ވަނީ ރާއްޖޭގައި ހިންގި ހުރިހާ އަސްކަރީ ތަމްރީނެއް ފުރިހަމަކުރައްވާފައެވެ. ޖޫނިއާ ޕްރައިވެޓްގެ ރޭންކުން ހިދުމަތް ފެއްޓެވި ނާޒިމް ކޮމިޝަންޑް އޮފިސަރަކަށްވީ 2001 ވަނަ އަހަރުގައެވެ. އަސްކަރިއްޔާގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ޖެނުއަރީ 2011 ގައެވެ.
މަޖިލީހުގައި ދަނގެތީ ދާއިރާ ތަމްސީލުކުރައްވާ މުޙައްމަދު ނާޒިމް (ކާނަލް ރިޓަޔާޑް ނާޒިމް) ފާޙަގަކުރުވުނީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ނިންމުމަށް މަސައްކަތްކުރެއްވި ސިޔާސީ ގޮތުން ވަރަށް ބާރުގަދަ ފާރާތެއްގެ ގޮތުގައެވެ.
އެމަނިކުފާނު ވަނީ ޕީޕީއެމާއި ގުޅުމަށްފަހު ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މާޤާމު އަދާކޮށްފައެވެ. ނަމަވެސް ރައިސް ޔާމީންއާއި ޚިޔާލު ތަފާތުވެ ފިސްތޯލައެއް ގެންގުޅުއްވި ކަމުގެ ތުހުމަތުގެ ޝިކާރައަކަށްވެ ގިނަ ދުވަހު އޮންނަވަން ޖެހުނީ ޖަލުގައެވެ.
ނާޒިމް ފެނިގެން ގޮސްފައިވަނީ ލީޑަރޝިޕް ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައެވެ. މާސްޓަ އޮފް މިލިޓަރީ ސައިންސް ފުރިހަމަ ކުރައްވައި، ޔުނައިޓެޑް ނޭޝަންސް މިލިޓަރީ އޮބްޒާވާ ކޯސް ފުރިހަމަ ކުރެއްވުމުގެ އިތުރުން އޭނާއަކީ އޭޝިއާ-ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީޒްގެ އެލުމްނައިއެކެވެ.
ހަސަން ޒަމީލް
ޒަމީލު ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ އަދާ ކުރައްވާފައެވެ.
އެންމެ ފަހުން ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައިއެވެ. ހަތަރު އަހަރާއި ފަސް މަސް ދުވަހު އެ މަގާމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވީ މިދިޔަ މަހު މެދުތެރޭގައެވެ.
ރިޔާސީ އިންތިހާބުގައި ޒަމީލް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. ޒަމީލްގެ ރަނިންމޭޓަކީ އަނބިކަނބަލުން މަރިޔަމް އަލީމް އަދި ރަސްމީ އިންތިހާބީ އޭޖެންޓަކީ ދަރިކަލުން އަހުމަދު މަހުރާން ޒަމީލްއެވެ.
ޒަމީލް އުފަންވެވަޑައިގަތީ ޖުލައި 3, 1963 ގައެވެ. މިހާރުގެ އުމުރުފުޅަކީ 60 އަހަރެވެ.
ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވާ އިރު އިންތިހާބު ކާމިޔާބުކުރަން، ކޮންމެ ކެންޑިޑޭޓެއް ވެސް ދަނީ ވައުދުތައް ރައްޔިތުންގެ ކުރިމައްޗަށް އޮއްސާލަމުންނެވެ. ކޮންމެ ކެންޑިޑޭޓެއްގެ ވެސް އުންމީދަކީ މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމެވެ. އެއް ބުރުން ކާމިޔާބު ކުރެވޭނީ ގާތްގަނޑަކަށް 140،000 ވޯޓުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 51 ޕަސެންޓެވެ.
ގިނަ ސިޔާސީ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އެއްބުރުން މި އިންތިހާބު ނިންމާލުމަކީ ސިޔާސީ ކަންކަން ތަރުތީބުވެ ހަމަޖެހިފައި މިހާރު އޮތް ގޮތަށް ބަލާއިރު ދުރު ކަމެކެވެ. އޭގެ ސަބަބެއްގެ ގޮތުގައި ޕާޓީތަކުގެ ތެރޭގައި ހަމަނުޖެހުން ހިނގާފައި އޮތުން ހިމެނެއެވެ. މިސާލަކަށް ބަލާލާނަމަ އެމްޑީޕީ ބައިވެ ޕާޓީން އިސް މެމްބަރުންތަކެއް ވަކިވުމުން އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް މުހިއްމު އަދަދެއްގެ ވޯޓު ގެއްލިގެން ދާނެއެވެ.
މީގެ އިތުރުން ޕީޕީއެމާއި ޕީއެންސީއަށް ތެރޭގައި އުފެދުނު ރިޔާސީ ޓިކެޓުގެ ހިޔާލުތަފާތުުވުމާއި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހެދުމަކީ ޕީޕީއެމަށް ވެސް އެއް ބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ބެލެވެއެވެ.
އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ދެ ކެންޑިޑޭޓުންނާ އެކު ދެން ފެންނާނީ އަނެއްކާވެސް ކޯލިޝަންތަކެވެ. ގިނަ ބޭފުޅުން ދެކޭ ގޮތުގައި މި ނޫން ގޮތަކަށް، އިންތިހާބު ކާމިޔާބުކުރުމަކީ ރާއްޖޭގެ މިއޮތް ސިޔާސީ ނިޒާމުގައި ފަސޭހަ ކަމެއް ނޫނެވެ.




