މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ހިނގަމުންދަނީ އިންސާފާއި ހަމަހަމަ ކަމާއި އަދުލުވެރި ކަމާއިއެކުކަން ދެންނެވެން އެބައޮތް ހެއްޔެވެ؟ އިންސާފުގާއިމް ކުރެވޭތޯއެވެ؟ ދައުލަތެއްގެ ތެރޭގައި ނުވަތަ ސަރުކާރެއްގައި ތަންފީޛުކުރަން ޖެހޭ ކަންކަމުގައި ހަމަހަމަ އުޞޫލުތަކެއް ގެންގުޅޭތޯއެވެ؟ މިއީ އުފެދޭ ސުވާލުތަކެކެވެ.
ރާއްޖޭގައި މިވަގުތު އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކަށް ވެގެންދާނީ ސިޔާސީ ވާހަކަތަކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ ތަރީހުގައި މިހާތަނަށް ބޭއްވުނު އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީ ނިންމާލާފައިވަނީ އިހަކަށް ދުވަހުއެވެ. އެތަށް ކަމެއް ހިނގައިގެންގޮސްފިއެވެ. ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިގެން ހިނގައްޖެއެވެ.
18 އަަހަރުގެ ދިގު މާޒީއަކަށް ފަހު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ, އެމްޑީޕީ މިއަދު ދެކެން ޖެހިފައިވަނީ ހުތުރު ދުވަސްތަކަަކާއެވެ. ސިޔާސީ މަޝްރަހުގައި އަބަދުވެސް ކާމިޔާބީ ހޯދަމުން އައި އެމްޑީޕީ މިހާރު ފެންނަމުންދަނީ ބަނަ ވިލާގަނޑެއްގެ ސިފައިގައެވެ. ރިޔާސީ އިންތިހާބުން ލިބުނީ ހުތުރު ނާކާމިޔާބީއެކެވެ. އެމްޑީޕީއަށް ވެރިކަން ގެއްލުންކަމަށް ހާމަކުރުމަކީ މުޅި ލީޑާރޝިޕުން މިއޮއްހާ ދުވަހު ރައްޔިތުންނަށް އޮޅުވާލައިގެން އުޅުންކަމަށް އިއުތިރާފުވުން ކަމަށް ގަބޫލުކުރެވެއެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު ނަޝީދުގެ އިރުޝާދުގެމަތިން އެމްޑީޕީ ވަނީ ރަނގަޅަށްވެސް ކަތިލާފައެވެ. އެމްޑީޕީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ލިސްޓުގެ ތަންކޮޅެއް ފަހަތުގައި ނަޝީދުގެ ނަން އޮތެއްކަމަކު، އެ މަނިކުފާނަކީ އެމްޑީޕީގެ “ބާނީ” ކަމަށް ސިފަ ކުރާ މީހުން މަދެއް ނުވާނެއެވެ. އެހެންނަމަވެސް ރައީސް ނަޝީދު ނިންމެވި ނިންމުމެއްގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަަސްރަހަށް ބޮޑެތި ބަދަލުތަކެއް ހަމަ ޔަގީނުން ވެސް މިވަނީ އައިސްފައެވެ.
އެމްޑީޕީގެ އެންމެ މަތީ ފަޑީގައި ޖެހުނު ޖާގައިގެ މައްސަލައެއްގެ ސަބަބުން އުފެދުނު އައު ޕާޓީ ކަމަށްވާ ޑިމޮކްރެޓްސްއިން ދަނީ އެމްޑީޕީ ރޫޅާލުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. ކުރިންވެސް ދެންނެވި ފަދައިން ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުންނެވެ. ހަމަ އެގޮތަށް ޑިމޮކްރެޓްސްގެ ހަމަލާތަކުން ދިފާއުވުމަށް އެމްޑީޕީއިން ކުރި ކަމެއް ކުރީ އެ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ބެއްލެވުމުގެ ދަށުންނެވެ.
ރައީސް ޞާލިޙްގެ ބައިވެރިންގެ ގޮތުގައި ތިބި ބައެއް މީހުން ޕޯޑިއަމްތަކުގައި ދެއްކެވި ވާހަކަތަކަށް ރައީސް ނަޝީދުގެ ބައިވެރިން ވެސް ދިޔައީ ރައްދު ދެމުންނެވެ. ރައްޔިތުންނަށް ފެނިގެންދިޔަ މަންޒަރުތަކުން ހަމަ ދެ ރައީސުން ވެސް ފަޟީހަތްވެގެން ދިޔަ ކަހަލައެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިހާރު ފެންނަނީ ކޯޓެއްގެ ސިފައިގައެވެ. ފެންނަމުންދަނީ މަޖިލީހުގެ މުހިއްމު އެތައް މަސައްކަތެއް ހުއްޓި، ދައުލަތުގެ ބާރެއްގައި ތަޅު އަޅުވައިގެން އެތައް ދުވަހަކު ބާއްވާފައި އޮންނަ މަންޒަރެވެ.
އެކިއެކި ގޮތްގޮތުން ރައީސް ނަޝީދު ކުރެއްވި ކަންކަމުން ހިތްހަމަނުޖެހިގެން އެ މަނިކުފާނު މަޖިލީހުގެ ރިޔާސަތުން ވަކިކުރަން އެމްޑީޕީން ވަނީ މިހާރު މައްސަަލަ ހުށަހަޅާފައެވެ. އެމްޑީޕީން ނުކުމެ އެތިބީ ރައީސް ނަޝީދު ކޮންމެހެން ވެސް ބޭރު ކުރަން ޖެހޭ ކަމަށް ނިންމައިގެންނެވެ. މަޖިލީހުގެ ސާފު، މެޖޯރިޓީ އޮތް އެމްޑީޕީއަށް އެ މަނިކުފާނާ މެދު އިތުބާރު ނެތިގެން ރިޔާސަތުން ނަޝީދު ވަކިކުރަން އުޅޭތާ މިހާރު ހައެއްކަ މަސް ވީއެވެ.
އެމްޑީޕީން ނިންމީ، ރައީސް ނަޝީދު ވަކިކޮށްފައި ނޫނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާށެވެ. އިންތިޚާބީ ރައީސްގެ ހުވައާއި އާ ސަރުކާރުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމަށް ވެސް އެމްޑީޕީން އޮތީ ނިންމައިފައެވެ. މިއީ ތަސައްރަފު ފުދޭ ޕާޓީއެއްކަމަށް ދައުވާ ކުރާ، ދުވަސްވީ ޒަމާން ވީ ޕާޓީއެއްގެ ބަސްމަގު ހުންނަން ޖެހޭ ގޮތް ކަމަށް ޤަބޫލުކުރަންތޯއެވެ؟
ރައީސް ނަޝީދު ވެސް, ރައީސް ޞާލިޙް ވެސް ކުރިއަށް ދެން އަޅުއްވާނެ ފިޔަވަޅެއް ނޭނގެއެވެ. ދެން ނިކުންނަވާ ކަންކުރައްވާނެ ގޮތެއްވެސް ސާފެއް ނޫނެވެ.