“ހަދީ އަހަންނަށް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެންގެ ހިތުގެ ވިންދު އަވަސްވި. ތަފާތު އިހުސާސްތަކެއް ކުރެވުނު. ހިތް އެދުނީ އަބަދުވެސް ހަދީ ކައިރީ ހުރުމަށް. މިހާރު އަހަރެންގެ ލޯ ކުރިމަތިން އެންމެ ހިނދުކޮޅަކަށް ހަދީ ގެއްލުނަސް އަހަރެން ހަދީ މަތިން ވަރަށް ހަނދާންވޭ. ހަދީ.. އަހަރެން ދޫކޮއްފަ ނުދައްޗޭ. އަހަރެން ހަދީ ދެކެ އިންތަހާއަށް ލޯބިވަން.” ކުންނާރުގަސް ދަށުގައި ހުރި ޖޯލިފަތީގައި އިށީނދެ އިނދެ ބައްޕަ ދޮންމަންމައަށް ތަޢުރީފު ކުރަމުން ދިޔައެވެ. މަންމަ ނިޔާވިތާ އަދި އަހަރެއް ވެސް ނުވެއެވެ. ނަމަވެސް މިހާރު ބައްޕަ ގެއަށް ދޮންމަންމަ އެއް ގެނެސްފިއެވެ.
އަހަންނަކީ އަހަރެންގެ މަންމަ އާއި ބައްޕަ އަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ވުމާއިއެކު މަންމަ ވެސް އަދި ބައްޕަ ވެސް އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. ރެއާއި ދުވާލުގެ ގިނަވަގުތު އަހަރެން ހޭދަކުރަނީ އަހަރެންގެ މައިންބަފައިންނާއެކުގައެވެ. އެއީ މި ދުނިޔޭގައި އެއަށްވުރެ ބޮޑަށް އަހަންނަށް ހެޔޮއެދޭނެ ބަޔަކު ނުތިބޭނެކަން އަހަންނަށް އެނގޭތީއެވެ.
އަހަރެންގެ ޢުމުރުން ފަނަރަ އަހަރެވެ. ހަމަޖެހޭ ރީތި ދިރިއުޅުމެއްގައި އަހަރެންގެ ހަޔާތް ވޭތުކުރަމުންދިޔައީ އުފާވެރި، ތަނަވަސް މާހައުލެއްގައެވެ. ނަމަވެސް ކުއްލިއަކަށް މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. ރަށްފުށުގެ ދިރިއުޅުން ދޫކޮއްލާ މާލެ ބަދަލުވީވެސް މި ސަބަބަށްޓަކައެވެ.
މާލެ ގޮސް މަންމަގެ ބަލިހާލަތު ދެނެގަތުމަށްޓަކައި ހެދި ޓެސްޓުތަކުން މަންމަ އެދަނީ މަރާ ހަނގުރާމަ ކުރަމުން ކަން އެނގުނެވެ. އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ ވަގުތެއް ވެސް ނެތް ކަމަށް ޑަކުޓަރުން ބުންޏެވެ. ހަމައެއާއިއެކު އެ ދުވަސްކޮޅު ކެންސަރު ބައްޔަށް ޚާއްސަ ޑަކުޓަރެއްވެސް އެ ހޮސްޕިޓަލަކު ނެތެވެ. އައިޖީއެމްއެޗް ހޮސްޕިޓަލް އައިސީޔޫގައި މަންމައަށް ފަރުވާދެމުން ދިޔަތާ ތިންމަސް ފަހުން އަހަރެންގެ މަންމަ މި ދުނިޔެއަށް އަލްވަދާޢު ކިޔެވެ. އެ ދުވަހަކީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެންދާނެ ދުވަހެއް ނޫނެވެ. އެއީ އަހަރެން ގެ ދިރުއުޅުމުގައި ދިމާވި އެންމެ ހިތާމަވެރި ދުވަހެވެ. އެދުވަހުން ފެށިގެން އަހަރެންގެ ޢަޒުމަކަށް ވީ ސްކޫލްދައުރު ނިންމާ ކެންސަރު ބަލީގެ ޚާއްސަ ޑަކުޓަރަކަށް ވުމެވެ. އޭރުން މަންމަ ތަހައްމަލް ކުރި ވޭން ތަހައްމަލް ކުރާ އެތަށް ބަޔަކަށް އަހަންނަށް ފަރުވާދެވޭނެތީއެވެ.
މަންމަ އަހަންނާ ވަކިވެދިޔަޔަސް އަހަރެން ހީކުރީ ބައްޕަގެ ފަރާތުން އަހަންނަށް ކުރިން ލިބުނު ލޯތްބާއި އަޅާލުން އަދިވެސް ލިބޭނެކަމަށެވެ. އަހަރެން ހީކުރީ މަންމަ އަހަރެން ކައިރީ ނެތްކަން ބައްޕަ އަހަންނަށް އިހުސާސްވެސް ވިޔަ ނުދޭނެކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. މަންމަގެ ލޯބިން އަހަރެން މަހުރޫމްވިތާ މާ ގިނަ ދުވަހެއް ނުވަނީސް ބައްޕަ ގެ ހިތުގައި އަހަންނަށް އޮތް ލޯބިވެސް ވެއްޔާ މޮޑެލައިފިޔެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަށް ވިޔަކަސް، ވީ ކަމެއް ނުވާކަމަކަށް ނެހެދޭނެއެވެ.އެހެންކަމުން އަހަރެން ދިޔައީ އަހަރެންގެ ހިތުގައި ބައްޕައާ މެދު އުފެދެމުން ދިޔަ ޝަކުވާތައް ފޮރުވަމުންނެވެ.
ކޮންމެ އަކަސް މި ގޮތުގައި ދުވަސްތަކެއް ފާއިތުވެއްޖެއެވެ. މިހާރު އަހަންނަށް އުޅެންޖެހިފައި މިވަނީ ބައްޕަ އާއި ދޮންމަންމަ ގާތުގައެވެ. ދޮންމަގެ ފަރާތުން އަހަންނަށް ލިބެމުންދިޔައީ ވޭނާއި ހިތާމައެވެ. ވަކިން ޚާއްސަކޮއް ބައްޕަ ގޭގައި ނޫޅޭ ވަގުތެއް ނަމަ ދޮންމަންމަ އަހަންނަށް ހަދަނީ ހަދާނެހާ އެއްޗެކެވެ. ކިޔަނީ ކިޔާނެހާ އެއްޗެކެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއްހެން ކުރަން ޖެހެނީ އަހަންނަށެވެ. މިކަމުގެ ސަބަބުން އަހަންނަކަށް ރޭގަނޑުގެ ހަމަނިދިއެއް ނުލިބެއެވެ. ގޭތެރޭގައި އުޅުނަސް، ބޭރުގައި އުޅުނަސް އެކަނިވެރިކަން އިހުސާސްކުރެވި ދުނިޔެމަތިން ފޫހިވެއްޖެއެވެ. މައިންބަފައިންގެ ލޯބިން މަހުރޫމަވިފަދައިން މިހާރު އަހަރެން ދެކެ ލޯބިވާ އެކުވެރިއެއްވެސް އަހަރެންގެ ގާތަކު ނެތެވެ. އެންމެ ގާތް ކޮށް ދެކުނު އެކުވެރިޔާވެސް އަހަންނަށް ކެހިދީފާ ފިލީއެވެ. ކޮންމެ ކަމަކާ ކުރިމަތިލާންޖެހުނަސް މަންމަ މަތީން އަހަރެން ހަނދާންނުވާ އެންމެ މިނިޓެއްވެސް ނުދެއެވެ. މަންމަ މި ދުނިޔޭގަ ހުރިނަމަ މިއިން އެއްވެސް ކަމަކާ ކުރިމަތިލާން ނުޖެހޭނެކަން އަހަންނަށް ޔަޤީނެވެ.
ކޮންމެ އަކަސް މިފަދަ ހާލެއްގައި އަހަރެން ގްރޭޑް ދިހައެއްގެ ކިޔެވުން ނިންމާލީމެވެ. ވަރަށް ވެސް ފުރިހަމަ ނަތީޖާއަކާ އެކުގައެވެ. ލިބުނު ސްކޯލާރޝިޕް އެއްގައި އަހަރެން އޮސްޓަރައިލިއާ އަށް ފުރަން ހަމަޖެހިފައީ އޮތީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެހެންކަމުން އަހަރެން ދިޔައީ ފުރުމަށްޓަކާ ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ފުރުމުގެ ކުރިން އަހަރެންގެ ކޮޓަރި ސާފުކޮށް، ފޮއްޓަށް އެއްޗެހި އެޅުމުގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް އަހަރެން ގެ ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާލިއެވެ. ކާކުކަން ނޭނގޭތީ އަހަރެން އަޅައެއް ނުލީމެވެ. އެއީ ގޭގައި އުޅޭއިރު ބައްޕަ ނޫން މިހަކު އަހަންނާ ވާހަކަވެސް ނުދައްކާތީއެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކަ ނޫން ވާހަކައެއް ބައްޕަ ވެސް ނުދައްކާނެއެވެ. ވީއިރު އަހަރެންގެ ކޮޓަރި ދޮރުގައި ޓަކިޖަހާނީ ކާކުހެއްޔެވެ؟ އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް މީހަކު އަހަރެންގެ ކޮޓަރި ދޮރުގައި ޓަކި ދީފިއެވެ. ކާކުކަން ނޭނގުނަސް މިފަހަރު ދޮރުހުޅުވާނަމޭ ހިތައް އަރާ އަހަރެން ގޮސް ދޮރުހުޅުވާލީމެވެ. ދޮރު ކުރިމަތީ ހުރީ ދޮންމަންމައެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދޮންމަންމައާއިއެކު އެއްގެއެއްގައި އުޅޭތާ އަހަރެއްހާ ދުވަސްވިއިރު ދުވަހަކުވެސް ދޮންމަންމަ އަހަރެންގެ ކޮޓަރިއަކަށް ނުވަދެއެވެ. މަސައްކަތެއް ކުރަން ބުނަން ނޫން ގޮތަކަށް އަހަންނާ ބަހެއް ވެސް ނުކިޔާނެއެވެ. ވުމާއިއެކު ދޮންމަންމަ ކުއްލިއަކަށް އަހަރެން ކޮޓަރި ދޮރުކުރިމަތީގައި ހުރުމުން އަހަންނަށް ހުރެވުނީ ހައިރާންވެފައެވެ. ބުނާނެ އެއްޗެއް ނޭނގި ކުރާނެ ކަމެއް ވެސް ނޭނގިފައެވެ.
“ދަރިފުޅާ!! އާޔާ!! މަންމަ މިއައީ ދަރިފުޅު ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަން!”
ދޮންމަންމަ ގެ ދުލުން އަހަންނަށް ދަރިފުޅާއޭ ކިޔާ ގޮވުމުން އަހަރެން ހުރީ ހައިރާންވެފައެވެ. ނަމަވެސް ދޮންމަންމަ ދައްކަން އުޅުނު ވާހަކައިގެ ބޮޑުކަން ދޮންމަންމަގެ މޫނުމަތިން ފެންނަން ހުރުމުން އަހަރެން އިތުރު ސުވާލެއް ނޭހީމެވެ.
“ދަރިފުޅާ! މަންމަ އަށް އިނގޭ ދަރިފުޅު ކިޔަވަން ތި ފުރަނީ ދަރިފުޅު ވަރަށް ބޭނުންވެގެންކަން! ރެއާއި ދުވާލުގެ ބުރަ މަސައްކަތައްފަހު ފަހިވި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ބޭނުންވާނެކަން ވެސް މަންމަ އަށް އިނގޭ! އެކަމަކު ދަރިފުޅާ! އާޔާ!
މަންމަ މި ބުނާ ވާހަކަ ކަނުލާ އަޑުއަހާތި! ދަރިފުޅުގެ ބައްޕަ އެ ދަނީ ބައްޕަގެ ދިރިއުޅުމުގެ ފަހު ދުވަސްތައް ގުނަމުން! އާޔާގެ ބައްޕަ ގެ ހިތުގައި ލޯވަޅެއް އިން ކަން ބައްޕަ ބޭނުމެއް ނުވޭ ދަރިފުޅަށް އެނގޭކަށް! އެކަމަކު ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު ބައްޕަ އެފަދަ ހާލެއްގައި ވަނިކޮށް ބައްޕަ ދޫކޮއް ތިހާ ދުރު ގައުމަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް މަންމަ އެއް ނުދެކެން! ބައްޕަ ގެ ބަލީގެ ވާހަކަ އާޔާ އަށް އެނގޭވާހަކަ ބައްޕަ ގާތު ނުބުނާތީ! އާޔާ މިކަމާ ވިސްނާލައްޗޭ!”
ދޮންމަންމަ ދެއްކި ވާހަކައިން އަހަރެންގެ ފައިތިލަ ދަށުން ބިންގަނޑު ކެހުނު ކަހަލައެވެ. ދޮންމަންމަ ދައްކަން ބޭނުންވި ވާހަކަ ދައްކާފައި ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. އެހިނދު ބޭއިޚްތިޔާރުގައި އަހަންނަށް މަންމާ އޭ ކިޔާ ގޮވާލެވުނެވެ. އަދި ބުނީމެވެ.
“އަހަރެން ކިތަންމެ ބޭނުންވިޔަސް ބައްޕަ އެފަދަ ހާލެއްގައި ވަނިކޮއް ބައްޕަ ދޫކޮއް އަހަންނެއް ނުދާނަން! ކޮންމެ ގޮތެއްވިޔަސް އަހަރެން މިއީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު! ބައްޕަ އަށް އަހަރެންގެ ބޭނުން އެންމެ ބޭނުންވާ ދުވަހު ބައްޕަ ދޫކޮއް އަހަންނެއް ނުދާނަން”
ރަކި ހިނިތުންވުމަކާއެކީ ދޮންމަންމަ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.މަތީ ތަޢުލީމު ހާސިލް ކުރުމަށް ފަހިވި ފުރުސަތު ދޫކޮއް، ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެންތައް ކަފުންކޮށް ވަޅުލީ ބައްޕަގެ ހައްގުގައެވެ. އެދުވަހުއްސުރެ އަހަރެން ގެ ޢަޒުމަކަށް ވީ އަހަރެންގެ ފަރާތުން ބައްޕައަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައަށް ކޮއްދިނުމެވެ. އަހަރެން އަހަރެންގެ ވާޖިބު ފުރިހަމައަށް އަދާކުރެވޭތޯ ގަދައަޅާ މަސައްކަތެ ކުރީމެވެ.
ހަފްތާއެއް ފަހެވެ. އެހެންދުވަސްތަކެކޭވެސް އެއްފަދައިން ހެނދުނުގެ ނާސްތާއަށް ފަހު ބައްޕަ އިނީ ކުންނާރުގަސް ދަށުގައި ހުރި ޖޯލިފަތީގައި ވާހަކައެއް ކިޔާލާށެވެ. ކައިރީގައި ދޮންމަންމަ ވެސް އިނެވެ. ބައްޕަމެން ތިބި ޖޯލިފައްޗާ އަރާހަމަވުމުން ބައްޕަ އަހަންނަށް ގޮވާލިއެވެ. އަދި ބުންޏެވެ.
“އާޔާ! ކޮންއިރަކުން ފުރުން އޮތީ؟”
އަހަންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ބައްޕަ ބަލިވެ އުޅޭތީ އަހަރެން ފުރުން ކެންސަލް ކުރި ވާހަކަ ދޮންމަންމަ ބައްޕަގާތު ނުބުނަނީ ބާވައެވެ. އަހަރެން ބުނީމެވެ.
“ދޮންމަންމަ އަހަރެން ގާތު ބައްޕަ ބަލިވެ އުޅޭ ވާހަކަ ބުނުމުން އަހަރެން މިހާރު ކިޔަވަން ނުފުރާގޮތައް ނިންމައިފިން!”.
ބައްޕަ ހުރީ ވާނުވާ ނޭނގޭ ކަހަލަ ގޮތަކަށް އަހަންނާ ދިމާލާ ބަލަހައްޓައިގެންނެވެ.
“ކީކޭ؟؟ ބައްޕަ ބަލިވެއޭ ؟؟ ތިއީ ކާކު އާޔާ ކައިރީ ބުނި ވާހަކައެއް؟؟؟ ބައްޕަ ބައްޔެއް ނޫން! އިރާދަކުރެވިއްތީ ބައްޕަ ގެ ސިއްހަތު ވަރަށް ރަނގަޅު!”
އަހަންނަށް ހުރެވުނީ ވީނުވީއެއް ނޭނގިފައެވެ. ދޮންމަންމަ އަހަރެން ގާތު ދެއްކި ވާހަކައާއި ބައްޕަ އަހަރެން ގާތު ދެއްކި ވާހަކަޔާ ވަރަށް ތަފާތެވެ. އެކަމަކު އަހަންނަށް ޔަގީންކުރެވުނު އެއްކަމަކީ ދެމީހުންކުރެ ކޮންމެވެސް އެކަކު ދޮގުހަދާކަމެވެ. އެހެންކަމުން އަހަރެން ފުރަން ތައްޔާރުވަނިކޮއް ދޮންމަންމަ އައިސް ބައްޕަ ބަލިވެ އުޅޭ ވާހަކަ އަހަންނަށް ކިޔައިދިން ކަމާއި، އެފަދަ ހާލެއްގައި ބައްޕަ ވަނިކޮއް ބައްޕަ ދޫކޮއް ނުދިޔުމަށް އެދި އަހަރެން ގާތު ވާހަކަ ދެއްކިކަމާއި ހުރިހާ އެއްޗެއް އަހަރެން ބައްޕަ އަށް ކިޔައިދިނީމެވެ. ބައްޕަ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަހަރެން ގެ ހުވަފެންތައް ފުޑުފުޑު ކޮއްލާ މަންމަގެ ލޯބިން އަހަރެން މަހުރޫމުކުރަން ދޮންމަންމަ ކުރި މަސައްކަތް ވަރަށް ރަނގަޅަށް ދޮންމަންމަ ކާމިޔާބު ކޮއްފިއެވެ. ދޮންމަންމަގެ އަސްލު ބޭނުމަކަށްވީ އަހަންނާ ބައްޕަ އާ ދުރުކޮއް ބައްޕަގެ ތަނަވަސް ކަމުގެ ނާޖާއިސް ފައިދާ ނެގުމެވެ. ނަމަވެސް އެކަމެއް ދޮންމަންމަ އަކަށް ނުވިއެވެ.
އިތުރަށް ގޭތެރޭގައި މައްސަލައެއް ނުޖެހެނީސް ބައްޕަ ދޮންމަންމަ ގެއިން ނެރެލައިފެވެ. އަދި އޭގެ ދެތިންމަސް ފަހުން އަހަންނާއި ބައްޕައާ އޮސްޓްރައިލިއާ އަށް ބަދަލުވީއެވެ. އަހަރެން ދެކެމުން އައި ހުވަފެންތަކުގައި ރަންކުލަ ޖައްސައި، ދާން ބޭނުންވި މަންޒިލަށް ވާސިލްވެވުމުން އަހަރުމެން އެނބުރި ރާއްޖެ އައީއެވެ. އެންމެންވެސް ފަޙުރުވެރިވާފަދަ ކެންސަރު ބައްޔަށް ޚާއްސަ ޑަކުޓަރަކަށް ވެގެންނެވެ.