މުސްތަޤުބަލުގައި ޤައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކޮށް، ދިވެހި ޤައުމުގެ އިޤްތިސާދީ ނާރެހަށް ދަމަނަކަން ގެނުވައިދޭނެ ވަފާތެރި ޚިދުމަތްތެރިން ޤައުމަށް ނެރެދިނުމަކީ ދިވެހި ޤައުމުގެ ހާލުގެ ދުލުން އެދި ގޮވާ ކަމެކެވެ. ޤައުމު ގޮވާ ގޮވުމަށް އިޖާބަދީ ޤައުމު ބޭނުންވާފަދަ ދަރިއަކަށް ވުމަކީ މުސްތަޤުބަލުގައި ޤައުމު ކުރިއަރާދާނެކަމުގެ ހެޔޮ ފާލެކެވެ. މިފަދަ އަގުހުރި ދަރިންތަކެއް މުޖްތަމަޢަށް ނެރެދިނުމަށްޓަކައި ޢަމަލުތައް ބައްޓަން ކުރަންވީ މުހިންމު ކަންތައްތައް މައިންނާއި، ބަފައިންނާއި، ކުދީންގެ ބެލެނެވެރިކަމުގެ ދަށުގައި ތިބޭ އެހެނިހެން މީހުންނަށް ނޭނގުމަކީ ނޭއްގާނީ އެތަކެއް ނުބައި ޢަމަލުތަކައް ޅަދަރިން ހުށަހެޅުމަށް މަގުފަހިވާ ކަމެކެވެ. ކަންމިހެން އޮތުމުގެ ސަބަބުން ޒިންމާދާރު ދަރިންތަކެއް މުޖްތަމަޢަށް ނެރެދިނުމަށް ޓަކައި ދަރިންނާއި، ބެލެނެވެރީންގެ ޚިޔާލާއި ފިކުރު އެއްގޮތްވާންޖެހެއެވެ. ޤައުމަށް ބޭނުންތެރި ދަރިއަކަށްވުމަށްޓަކައި ހަނދާނުގަ ބަހައްޓަންޖެހޭ މުހިންމު ކަންތަކާ މެދު ވިސްނާ ފިކުރުކޮށް، އެއާއި އެއްގޮތަށް ތިމާގެ ޢަމަލުތައް ބައްޓަން ކުރަން ޖެހެއެވެ.
ޤައުމަށް ފައިދާހުރި، ހަރުދަނާ ދިވެހި ދަރިއަކަށްވުމަށްޓަކައި ތަޢުލީމީ ގޮތުން ޤާބިލް ކުއްޖަކަށްވުން މުހިންމެވެ. އެހެނީ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާ ބޭނުންވާ މަންޒިލާ ހަމައަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ. ހަމައެގޮތަށް، ތިމާގެ ޒިންމާތައް އަދާކުރުމުގައި ފަރުވާތެރިވެ، ތިމާގެ މޮޓޯ އަކީ، ކޮންމެ ހާލަތެއްގައި ވެސް ތިމާއީ ފަރުދީ ޒިންމާ އަދާކުރާނެ މީހަކަށް ވުން ކަމުގައި ހެދުން މުހިންމެވެ. ތިމާގެ ޢަމަލުތައް މިގޮތައް ބައްޓަން ކޮއްފިނަމަ، މުސްތަޤުބަލުގައި ތިމާއީ ޤައުމަށް ބޭނުންތެރި ދަރިއަކަށް ވެވޭނެއެވެ.
ތަޢުލީމީ ގޮތުން ޤާބިލް ކުއްޖަކަށް ވުމުގެ އިތުރުން މުސްތަޤުބަލުގައި ޤައުމަށް ފައިދާހުރި ދަރިއަކަށް ވުމަށް ޓަކައި ސުކޫލުން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން މުހިންމެވެ. އެގޮތުން ހިންގުންތެރިކަމާއި، ކަންކަމުގައި އިސްވެ ޢުޅުމުގެ ހުނަރު ލިބިދޭ ގައިޑް، ސްކައުޓް، ކެޑޭޓް، ފަދަ ހަރަކާތްތަކުގައި މަޝްޢޫލުވެ އުޅުން މުހިންމެވެ. ހަމައެއާއިއެކު ހުށަހެޅުންތެރިކަމާއި، މޮޅު ވާހަކަ ދެއްކުންތެރިއަކަށްވުމަށްޓަކައި ބަހުސް މުބާރާތްތަކާއި، ވާހަކަ ދެއްކުމުގައި މުބާރާތްތަކުގައި ބައިވެރިވެ، ލިބޭ ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އާދަކުރާށެވެ. މީގެ އިތުރުން ޤައުމަށް ރީތި ނަން ހޯދައިދީ، ޤައުމު ބޭނުންވާ ފަދަ ދަރިއަކަށް ވުމަށްޓަކައި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުން މުހިންމެވެ.
ޤައުމަށް ލާބަ އާއި މަންފާ ގެނެސްދިނުމަށްޓަކައި އަޚްލާގީ ރިވެތި ސިފަތަކުން ޖަރީވެގަންނާށެވެ. އެގޮތުން އިޖްތިމާއީ ގޮތުން މީހުން ބަލައިގަންނަފަދަ މީހަކަށް ވުމަށްޓަކައި ހިތުގައި އަޒުމް ކަނޑައަޅައި އެކަން ހާސިލްކުރުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. ތިމާއީ އެހެން މީހުންނާ ގުޅޭ، އެހެންމީހުންގެ ވާހަކަތަކަށް އިޚްތިރާމްކުރާ އެހެން މީހުންގެ ހައްޤުތަކަށް ފަރުވާތެރިވާ މީހަކަށް ވުން މުހިންމެވެ. ހަމައެފަދައިން ތިމާއީ އިސްލާމީ ރީތި ސިފަތައް ލިބިގެންވާ އަދި އެއާ އެއްގޮތައް ޢަމަލުކުރާ ދަރިއަކަށް ވާށެވެ.
އަދި ހަމައެއާއިއެކު، ތިމާއީ އިސްރަށްވެހިންނަށް ހެޔޮކޮށް ހިތައި، މައިންބަފައިންނަށް އިޚްތިރާމްކުރާ، އަދި ކުޑަކުދިންނަށް އޯގާތެރި، ސާލިހު މީހަކަށް ވުމަށް މަސައްކަތް ކުރާށެވެ. އަދި ހަމައެގޮތަށް އެހެންމީހުންގެ ގަދަރު ލިބިފައިވާ މީހުންގެ ކިބައިން ފެންނަ ރިވެތި ސިފަތައް ނަކަލުކޮށް، ތިމާއީ އެހެންމީހުން ބަލައިގަންނަ ފަދަ ލާމަސީލު މިސާލަކަށް ވަމާތޯއެވެ. ކޮންމެ ކުއްޖަކީ ވެސް މި ކަންތައްތަކަށް ފަރުވާތެރިވާ، މިއާ އެއްގޮތައް ޢަމަލުކުރާ ދަރިންތަކެއް ކަމުގައި ވެއްޖެނަމަ، ޤައުމުގެ ޝަރަފު ކަމުގައިވާ ނޫކަށިފުރައިގެ ޒުވާނުންގެ ހިތްވަރާއި، ހިއްމަތުން ދިވެހި އިޤްތިސާދަށް ދަމަނަކަން ގެނުވައިދީ، ޤައުމުގެ އުފެއްދުންތެރިކަން ކުރިއެރިވުމުކީ ޒުވާނުންނަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.