Ads by
ޚަބަރު
ރައީސް ޑރ. މުއިއްޒު ތުރުކީގެ ރައީސް އުރުދުޣާނާ ބައްދަލުކުރައްވައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ، ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ.

Ads by Eki Online

އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށްދިޔަ ރަސްމީ ވާހަކަފުޅުގައި، ރާއްޖެއާއި ތުރުކީވިލާތާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ވަރުގަދަކަން ފާހަގަ ކުރައްވައި، މި ގުޅުން އިތުރަށް ފުޅާކުރުމަށް ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓާއި، އިއާދަކުރަނިވި ހަކަތައާއި، މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ހަމަ އެއާއެކު ރައީސް ވަނީ، އިޖްތިމާއީ-އިގްތިސާދީ ތަރައްގީގެ އެކި ދާއިރާތަކުން ތުރުކީވިލާތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައި، އެ ގައުމުގެ ރައީސް އުރުދުޣާނަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ތުރުކީވިލާތުގެ ރައީސް ވަނީ، ރައީސް ޑރ.މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ރައީސް ހުވާ ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރައީސް ޑރ.މުއިއްޒު ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ތުރުކީވިލާތް ހިޔާރުކުރެއްވުމަކީ އެމަނިކުފާނަށާއި، އެގައުމުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ރައީސް އުރުދުޣާން ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ތުރުކީވިލާތަށް ކުރެއްވި މި ދަތުރުފުޅުގެ ސަބަބުން، ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވެގެންދާނެކަން ޔަގީން ކުރައްވާ ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މިމަހުގެ 26 އިން 29 އަށް ތުރުކީވިލާތަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް އާއި ތުރުކީވިލާތުގެ ރައީސް ވަނީ ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް އައިސް، ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

އަދި ދެ ލީޑަރުންވެސް ވަނީ ފަލަސްޠީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްޠީނުގެ މުސްތަގިއްލު، މިނިވަން ދައުލަތެއް ގާއިމުކޮށް، އިރުމަތީ ޤުދުސް އަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައިގެން ކަމުގައި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަތުން ހުއްޓައިލާ، ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމަށް ދެ ބޭފުޅުންވެސް އެއްބަސްވެ ވަޑައިގެންނެވިއެވެ.

ރަސްމީ މަޝްވަރާތައް ރޭ ނިންމަވާލެއްވުމަށްފަހު ދެ ގައުމުގެ ފަރާތުން ވަނީ، “އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ” ގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީވިލާތުގެ ފަރާތުން، ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު ޑރ. އޮމަރ ބޮލަޓްއެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސް ޑރ. މުއިއްޒާއި، ތުރުކީވިލާތުގެ ރައީސް އުރުދުޣާންގެ ކުރިފުޅުމަތީގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *