ދަސްކުރާ ފިލާވަޅުތައް ދިގު މުއްދަކަށް ހަނދާން ބެހެއްޓުމަކީ ހުރިހާ ކުދިންނަށް ފަސޭހަކަމެއް ނޫނެވެ. އެކި ކުދިން ކިޔެވުމަށް ބޭނުންކުރާ އުކުޅުތައް ތަފާތުވާނެއެވެ. އެކި ކުދިންނަށް ފަސޭހަވާނީ އެކި ގޮތްގޮތަށް ފިލާވަޅު ދަސްކުރީމައެވެ.
ބައެއް ކަންކަމަކީ ފިލާވަޅު ދަސްކުރުމުގައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަންކަމެވެ. މިސާލަކަށް ގިނަގިނައިން ފޮތް ކިޔުމާއި، ދުވަހުން ދުވަހަށް ދެވޭ ފިލާވަޅުތައް ނިންމުމެވެ. ކިޔަވައިދެވޭއިރު ކަނުލާ އަޑު އެހުމާއި، ނޭނގޭ އެއްޗެހި އަހައި އޮޅުންފިލުވުމެވެ.
މިފަހަރު ކިޔައިދޭން މިއުޅެނީ ފިލާވަޅުތައް ދިގުމުއްދަތަކަށް ހަނދާން ބަހައްޓަން އުނދަގޫވާނަމަ ކުރެވިދާނެ މުހިންމު ތިން ކަމެކެވެ.
ގަވާއިދުން ނިދުން
ފިލާވަޅުތައް ދިގުމުއްދަތަކަށް ހަނދާން ބެހެއްޓުމުގެ އެންމެ މުހިންމު އެއް ހަރުފަތަކީ ގަވާއިދުން ނިދުމެވެ. ފިލާވަޅުތައް ދަސްކުރުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ނިދައިފިނަމަ ހޭލާ ހުރެ ކިޔެވުމަށް ވުރެ އެ ދަސްކުރި ފިލާވަޅެއް ދިގު މުއްދަތަކަށް ހަނދާނުގައި ހުންނާނެއެވެ. ނިއުރޮލޮޖިސްޓުން ޤަބޫލު ކުރާ ގޮތުގައި ދަސްކުރާ ފިލާވަޅުތައް ފުރަތަމަ ހުންނާނީ ކުރުމުއްދަތަކަށް ރައްކާކުރެވިފައެވެ.އަދި އޭތީ ދިގު މުއްތަކަށް ބަދަލުވާނީ ނިދާފައި އޮންނަ ވަގުތުގައެވެ.
ކެފެއިން އެކުލެވޭ ބާވަތްތައް ބޭނުންކުރުން
”ޖޯން ހޮޕްކިންސް ޔުނިވަރސިޓީން“ ހޯދި ހޯދުމެއްގައި ދައްކާގޮތުން، ކެފެއިން އެކުލެވޭ ބާވަތްތަކުގެ ކާނާ އާއި ބުއިންތައް ބޭނުންކުރުމުގެ ސަބަބުން ދަސްކުރާ ފިލާވަޅުތައް ހަނދާން ނެތުމަށް ހުރަހަކަށް ވެއެވެ. މިފަދަ ބާވަތްތައް ބޭނުންކުރުމުގައި ވަކި މިންވަރެއް ކަނޑައެޅުން މުހިންމެވެ. 400 މިލިގްރާމް އަށް ވުރެ ގިނަ ނުވާނެހެން ބޭނުން ކުރުން ރަނގަޅެވެ. އެއީ ގާތްގަޑަކަށް ދުވާލެއްގެ މަތިން ހަތަރު ތަށި ކޯފީ އެވެ. މާގިނައިން ކެފެއިން ބޭނުން ކުރުމުގެ ސަބަބުން ނިދުމަށް ހުރަސް އެޅޭނެއެވެ.
މާބޮޑަށް ސްޓްރެސް ވުމުގެ ސަބަބުން ވެސް ދަސްކުރާ ފިލާވަޅުތައް ހަނދާން ނެތުމަށް މަގުފަހިވާނެއެވެ. ފިލާވަޅު ދަސްކުރާއިރު މާ ބޮޑަށް ސްޓްރެސް ވަންޔާ ކުޑަ ވަގުތުކޮޅަކަށް ކިޔެވުން މެދުކަޑާލުމަށްފަހު މަޖާ ފިލްމެއް ބެލިދާނެއެވެ. ނުވަތަ އެހެން މީހުންނާއެކު ވަގުތު ކޮޅެއް ހޭދަކުރެވިދާނެއެވެ.
ދެން އޮތީ އެންމެ މުހިންމު ވާހަކައެވެ. ދިގު މުއްދަތަކަށް ފިލާވަޅުތައް ހަނދާނގައި ބެހެއްޓުމަށްޓަކައި ކުއްލިއަކަށް ކެއުމަށާއި ނިދުމަށާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެންނަނަމަ ސިއްޙީ ގޮތުން އެކަމުގެ ޢިލްމު ލިބިގެންވާ މީހެއްގެ އިރުޝާދު ހޯދާށެވެ. އިންޓަނެޓުގައި ދައްކާ ހުރިހާ ވާހަކައެއް ފަހަރުގައި އެންމެ މޮޅު ވާހަކައަށް ނުވެދާނެއެވެ.










