Ads by
ޚަބަރު
ރައީސް ޔާމީންގެ އާ ޕާޓީ ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދިއްޖެ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ރަސްމީކޮށް މިއަދު އެދިއްޖެއެވެ.

Ads by Eki Online

ޔާމީންގެ ސިޔާސީ ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެންމެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އަށް ރަސްމީކޮށް އެދުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ ޕާޓީ އުފެއްދުމުގައި އިސްކޮށް އަށް މުއައްސިސުން ހިމެނޭކަމަށެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ގަވާއިދު އޮންނަ ގޮތުން ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެންމެ މީހަކަށް ދޭތީ މަޝްވަރާއަށްފަހު މުއައްސިސެއްގެ ގޮތުގައި ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ހަމަޖައްސަވާފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހް ވަނީ ރައީސް ޔާމީނަށް ތާއީދު ކުރާ ހުރިހާ އެންމެން ޕީއެންއެފްއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ. އަދި ޕާޓީ އުފެއްދުމަށްޓަކައި އީސީގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ. ހުއްދަ ލިބުމާ އެކު، ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑު މުގުރާލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާމީން އިސްކޮށް ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ އިރު، އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގަ އެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގައެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ ޕީޕީއެމްގެ ލީޑަޝިޕާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *