Ads by
ޚަބަރު
ސެޓްލްމަންޓް ކޮމެޓީ ރައީސް ޑރ. މުޢިއްޒު އުވާލައްވައިފި

ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު އުވާލައްވައިފިއެވެ.

Ads by Eki Online

އެ ކޮމެޓީ އުވާލައްވާފައިވާކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައެވެ.

މި ނޫސްބަޔާނުގައިވާގޮތުން، “ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު” ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލަކަށްކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލަފާވެސް ދެއްވައިފައެވެ.

ހަމަ އެއާއެކު 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދިޔަ އުޞޫލާ މެދު ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ލަފާގައި، މިއީ ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލެއްކަން ފާހަގަކުރެއްވުމުގެ އިތުރުން، މި އުޞޫލުގެ ދަށުން މައްސަލަތައް ޙައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ބައެއް މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުއީ މަރުހަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިޢާޔަތްކުރެއްވުމަކާ ނުލައި، އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ޚިލާފަށްކަމުގައި ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ސެޓްލްމަންޓް ކޮމެޓީ މިއަދު އުވައިލެއްވިއިރު، އެ ކޮމިޓީއިން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމައިފައެވެ.

އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާއި ފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެކަމަށް އަންދާޒާކުރެވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *