Ads by
ޚަބަރު
ސައުދީގެ އިކޮނޮމިކް މިނިސްޓަރ ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ޚާއްޞަ މަންދޫބު މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ ފައިޞަލް ބިން ފާދިލް އަލްއިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Ads by Eki Online

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިއްޔެ ކުރިއަށްދިޔަ ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލްޢަޒީޒް އާލްސަޢުދަށް ހެޔޮއެދުންތައް ފޮނުއްވައި، ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މިނިސްޓަރ ފައިޞަލް ބިން ފާދިލް އަލްއިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މަޤާމާ ޙަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ އަޚުވަންތަ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، މި ސަރުކާރަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ސަރުކާރެއްކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޕްލޭނިންގ ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ޚާއްޞަ ގޮތެއްގައި ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓް އަދި އިޤްތިޞާދީ ދާއިރާ ފަދަ އިޤްތިޞާދު ތަރައްޤީކުރެވެން ހުރި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގައި ވިދާޅުވެ، މެދުއިރުމަތީގެ ހަމަޖެހުމަށް އިސްކަންދެއްވައި، ޚާއްޞަކޮށް ފަލަސްޠީނުގައި ޞުލްޙަ ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *