Ads by
ޚަބަރު
ނޭޕާލުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފި

ނޭޕާލުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފިއެވެ.

Ads by Eki Online

ޓިކްޓޮކް މަނާކުރީ އޭގެ ކޮންޓެންޓަކީ “އިޖުތިމާއީ އެއްބައިވަންތަކަމަށް ގެއްލުންދޭ ކޮންޓެންޓެއް” ކަމަށް ކަނޑައެޅުމަށްފަހުގައެވެ. އެ ގައުމުން މިގޮތަށް ނިންމާފައި މިވަނީ ސޯޝަލް މީޑިއާ ކުންފުނިތަކުން އެގައުމުގައި ލައިޒަން އޮފީސްތައް ގާއިމުކުރަން ޖެހޭ ގޮތަށް އާ އުސޫލެއް ތައާރަފްކޮށްފައި ވަނިކޮށެވެ.

މަހަކު ގާތްގަނޑަކަށް ބިލިއަނަކަށް ވުރެ ގިނަ މީހުން ބޭނުންކުރާ ޓިކްޓޮކް އިންޑިއާއި އިތުރު ބައެއް ގައުމުތަކުންވެސް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރޭކާ ޝަރުމާ ބީބީސީ އަށް ވިދާޅުވީ އެ ޕްލެޓްފޯމުން ހަގީގަތާ ހިލާފު ކޮންޓެންޓް ފަތުރާ ކަމަށެވެ.

ނަމަވެސް ކޯލިޝަން ސަރުކާރުގައި ހިމެނޭ ނޭޕާލް ކޮންގްރެސްގެ އިސް ލީޑަރެއް ކަމަށްވާ ގަގަން ތާޕާ ވަނީ ޓިކްޓޮކް މަނާކުރަން ސަރުކާރުން ނިންމި ނިންމުމާ މެދު ސުވާލު އުފައްދައި ހިންހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކުރާ ކަމެއް ކަމަށާއި ޕްލެޓްފޯމް ރެގިއުލޭޓް ކުރުމަށް އޮފިޝަލުން ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޭޕާލުގައި ފާއިތުވި 4 އަހަރުގެ ތެރޭގައި ޓިކްޓޮކާއި ގުޅުންހުރި 1600 އަށް ވުރެ ގިނަ ސައިބާ ކްރައިމް މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *