Ads by
ޚަބަރު
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ހަލީލަށާއި ލަތީފަށް
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު، ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރުގޭ އަހްމަދު ހަލީލަށާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަގާމުގައި ހުންނެވި ހެންވޭރު ސީވީޑް އަހްމަދު ލަތީފަށް އަރުވައިފިއެވެ.

Ads by Eki Online

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި މި ދެ ބޭފުޅުންނަށް ރައީސް އެރުވީ މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ޝަރަފު އެރުވި އަހްމަދު ހަލީލް، އެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ކަމަށެވެ. އަދި މެދުކެނޑުމެއްނެތި މި ދާއިރާގެ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން އެންމެމަތީ ފަންތީގެ ގިނަ މަގާމުތަކެއްގައި ހުންނަވައިގެން، ގިނަގުނަ ހިދުމަތްތަކެއް، ކޮށްދެއްވާފައިވާ މަދު ބޭފުޅުންގެ ތެރޭގައި ހަލީލް ހިމެނިވަޑައިގަންނަވައެވެ.

އަދި ހަލީލް ރާއްޖޭގެ ހާރިޖީ ދާއިރާގެ ހިދުމަތާ ގުޅިވަޑައިގަތީ، 22 ޑިސެންބަރު 1981 ގައެވެ. އެބޭފުޅާ ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ ވަޒީފާއެވެ. އޭނާ އެ ދާއިރާގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ، އ.ދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައެވެ. އަދި ހަލީލަަކީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމުގައި ވެސް 7 އަހަރު ދުވަހު ފުރުއްވާފައިވާ ބޭފުޅެކެވެ.

އޭގެފަހުން، ހަލީލް ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ، ބައިލެޓްރަލްގެ މަގާމަށް އައްޔަންކުރެވުނީ 3 އޮކްޓޫބަރު 2016 ގައެވެ. އަދި މިހާރު ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމަށް އައްޔަންކުރައްވައިފައިވަނީ 22 ނޮވެންބަރު 2018 ގައެވެ.

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު މިއަދު އެރުވި ފޮރިން ސެކްރެޓެރީ އަހްމަދު ލަތީފް، ރާއްޖޭގެ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަން ފެށްޓެވީ، 26 ނޮވެންބަރު 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީ ކަމުގެ މަގާމެވެ. އޭނާ އެ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައި ވަނީ ދޭދޭ ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއި، ވަކިން ހާއްސަކޮށް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން، ސާރކް ފަދަ ސަރަހައްދީ ޖަމުއިއްޔާތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތުގައެވެ.

އަދި ލަތީފަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ހަމައެއާއެކު، އޭނާ ވަނީީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރުގެ މަގާމުގެ އިތުރުން ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަންވެސް ކުރައްވާފައެވެ.

މި ބޭފުޅުންނަކީ ހާރިޖީ ދާއިރާގައި ވަރަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު، މަގާމުން ވަކިވެވަޑައިގަންނަވާ 2 ބޭފުންނެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވި ގޮތުގައި، މި ދެބޭފުޅުންނަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ދިވެހި ދައުލަތުގެ އެންމެމަތީ މަސްލަހަތު ހިފެހެއްޓެވުމަށާއި، އަދި ބޭރު ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި، ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ބަދަހިކުރެއްވުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *