Ads by
ޚަބަރު
އަންނަ އަހަރުން ފެށިގެން 1 ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާވާނެ

އަންނަ އަހަރުން ފެށިގެން 1 ލީޓަރު އަދި 1 ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެ ކަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހަނދާން ކޮށްދީފިއެވެ.

Ads by Eki Online

ސަރުކާރުން އަންނަނީ ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލުމަށްފަހު، ތާރީހުތަކަށް ބަހާލައިގެން އެތަކެތި މަނާކުރަމުންނެވެ.

1 ލީޓަރު އަދި 1 ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅިއަކީ މި ލިސްޓުގެ ދަށުން ރާއްޖޭގައި މަނާ ކުރާ އެންމެފަހު ބާވަތުގެ ސިންގަލް ޔޫސް ޕްލާސްޓިކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި އުފެންދުންވެސް މަނާ ވާނެ ކަމަށެވެ. އެ ތަކެތި ބާޒާރަށް ނެރުން މަނާ ވާނީ އަންނަ އަހަރު މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ބަދަލާ އެކު، ބާޒާރުގައި މިހާރު އާންމުކޮށް ވިއްކަން ހުރި 500 މިލިލީޓަރުގެ ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެއެވެ.

ރާއްޖެ އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައަޅާފައި ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.

އެ ލިސްޓުގައި ބަޔާންކޮށްފައިވާ ތާރީހުތަކުން ފެށިގެން ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއްގެ ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެއެވެ.

މިހާރު މަނާ ބާވަތްތައް:

  • އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު
  • ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން
  • 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފެންފުޅި
  • އެހެން ބާވަތުގެ ދިޔާތަކެތި ހުންނަ 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފުޅި
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *