Ads by
ޚަބަރު
ޑރ. މުއިއްޒުގެ ކެބިނެޓްގައި ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅުން ގިނަ

މިމަހު 17 ގައި ރާއްޖޭގެ ރައީސްގެ މަގާމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާއިރު ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރެވެނީ އެމަނިކުފާނުގެ ކެބިނެޓަށް އައްޔަން ކުރައްވާނެ ބޭފުޅުންނަކީ ކޮބައިކަން ބެލުމަށެވެ. ރަސްމީކޮށް އަދި ކެބިނެޓް އިންތިހާބީ ރައީސް ޑރ. މުއިއްޒު އިއުލާނުކޮށްފައިނުވާއިރު ސޯޝަލް މީޑިއާގައި އަންނަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އަންނާނެ ބޭފުޅުންގެ ނަންތަކެއް ހާމަކުރަމުންނެވެ.

Ads by Eki Online

މިހާރު މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މުއިއްޒުގެ ކެބިނެޓްގައި ބަންޑާރަ ނައިބާއެކު ޖުމްލަ 21 މިނިސްޓަރަކު ތިއްބަވާނެއެވެ. މުއިއްޒުގެ ކެބިނެޓްގައި ގިނައިން ހިމެނެނީ ސިޔާސީ ގޮތުން މާބޮޑަށް ފާހަގަނުކުރެވޭ ބޭފުޅުންނެވެ. އެހެން ނަމަވެސް ޕީއެޗްޑީ ހާސިލުކޮށްފައިވާ ގިނަ ބޭފުޅުންތަކެއް މިކެބިނެޓްގައި ތިއްބަވާކަން ފާހަގަކުރެވެއެވެ.

މުއިއްޒުގެ ކެބިނެޓުގައި ޕީޕީއެމް/ ޕީއެންސީގެ ބައެއް އިސް ބޭފުޅުންނާއެކު މިހާރު ވަނީ ފައިނަލްކޮށްފައެވެ. ޕީއެންސީގެ އިސް ސަފުގައި ނަގާ ކިޔަން ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ގައްސާން މައުމޫން އައްޔަން ކުރައްވަނީ ޑިފެންސް މިނިސްޓަރު ކަމަށެވެ. އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހަމަޖައްސަވަނީ އިކޮނޮމިކް މިނިސްޓަރަކަށެވެ. ސައީދު އަކީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ވެސް އިކޮނޮމިކް މިނިސްޓަރެވެ.

ރައީސް ޔާމީންގެ ދައުރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އައްޔަން ކުރައްވަނީ މުއިއްޒުގެ ސަރުކާރުގައި އަލަށް އުފައްދާ ލޯކަލް ގަވަނަންސް މިނިސްޓްރީއަށެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ދެއްވަނީ ފޮރިން މިނިސްޓަރުގެ މަގާމެވެ.

ޕީޕީއެމްގެ ނައިބް ރައީސުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ދެއްވަނީ ފިޝަރީޒް މިނިސްޓަރުކަމެވެ. ރައީސް ޔާމީންގެ ދައުރުގައި އެންވަޔަރުމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގް އިބްރާހިމް (ތޯބެ) އަށް މިފަހަރުވެސް ދެންވަނީ އެންވަޔަރުމަންޓް މިނިސްޓްރީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމިނިސްޓްރީއަށް ޕްލޭނިން ބައި އިތުރުކޮށް ނަން ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މުއިއްޒުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ދެއްވަން ނިންމަވާފައިވަނީ ޕީޕީއެމް ކުރީ ވެރިކަމުގައި އެ މަގާމާއި އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރުކަން ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ. އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަންކުރައްވަނީ އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ކުރީ ވެރިކަމުގައި އެޑިއުކޭޝަނުގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ޑރ. އިސްމާއީލް ޝަފީއު އެވެ. އޭނާ އަކީ މިހާރު އިސްލާމިކް ޔުނިވާސިޓީގެ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން އެވެ.

މި ފަހަރު ޓޫރިޒަމް މިނިސްޓަރުކަން ދެއްވަނީ ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު އިބްރާހީމް ފައިސަލް އަށެވެ.

ހެލްތު މިނިސްޓްރީ އަށް އައްޔަންކުރައްވަނީ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލް އެވެ. އާ ސަރުކާރުގެ ޖެންޑާ މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީ ހިންގެވި ޑރ. އާއިޝަތު ޝިހާމް އަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރަކަށް ހަމަޖައްސަވަނީ މުއިއްޒުގެ ކެމްޕެއިން މެނޭޖަރު އަދި އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޕައިލެޓް، ކެޕްޓަން މުހައްމަދު އަމީން އެވެ.

ހޯމް މިނިސްޓަރަކަށް އައްޔަންކުރައް ވަނީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)ގެ ދަރިކަލުން އަދި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން އެވެ. އެމެރިކާ އިން އަސްކަރީ އެންމެ މަތީ ތަމްރީން ހޯއްދަވާފައިވާ އިހުސާން ސިފައިންގެ އިން ރިޓަޔާކުރެއްވުމަށް ފަހު މުހައްމަދު ނާޒިމް އަލަށް އުފެއްދި އެމްއެންޕީގައި ހަރަކާތްތެރިވިއެވެ.

މުއިއްޒުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްއެންޕީ އަށް ދެއްވާ އަނެއް ސްލޮޓުގައި، އެޓާނީ ޖެނެރަލްގެ މަގާމަށް ވަޑައިގަންނަވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ. އޭނާ ވަނީ ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ކުރައްވައިފައެވެ.
މުއިއްޒުގެ ސަރުކާރުގައި އަލަށް އުފައްދަވާ އިންފްރަސްޓްރަކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަގާމު ދެއްވަނީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޑރ.އަބްދުﷲ މުއްތަލިބް އެވެ. މުއިއްޒުގެ ކްލާސް މޭޓަކަށް ވެސް އުޅުއްވި މުއްތަލިބަކީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަނުން ސިވިލް އިންޖިނިއަރިންގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ މި ދައުރުގައި ފިނޭންސް މިނިސްޓަރަކަށް މުއިއްޒު އައްޔަންކުރައްވަނީ މި ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޗީފް ފައިނޭންޝައަލް އޮފިސަރުގެ މަގާމު ފުރުއްވަމުން އަންނަ މުހައްމަދު ޝަފީގެވެ.

އަލަށް އުފައްދާ ޔޫތު މިނިސްޓްރީ އަށް އައްޔަންކުރައްވަނީ ގއ. ދެއްވަދޫއަށް އުފަން ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑް) އެވެ. ފެށުނީއްސުރެ މީޑިއާގައި މަސައްކަތްކުރައްވާ އަސްވާޑް މިހާރު ކުރައްވާ މަސައްކަތަކީ އޭނާގެ އަމިއްލަ ޓީވީ ޗެނަލް “ސަންގުޓީވީ” ހިންގެވުމެވެ. ޔޫތުއާއި ވަކިކޮށްފައިވާ ސްޕޯޓްސް މިނިސްޓްރީއަށް އައްޔަންކުރައްވަނީ ވަރަށް ބޮޑަށް ޔަގީންކުރެއްވޭ ގޮތުގައި ސްޕޯޓްސް ފިޒީޝަން އަބްދުﷲ ރާފިއު އެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމްގެ މެޑިކަލް ހެޑެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަން ކުރައްވަނީ އެނގިފައިވާ ގޮތުގައި ކުވާ މޮހޮދޭގެ ދަރިކަނބަލުން ޑރ. މަރިޔަމް މާރިޔާ އެވެ. އަދި އެގްރިކަލްޗާ މިނިސްޓަރަކަށް އައްޔަން ކުރައްވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޑރ. އައިޝަތު ރަމީލާ އެވެ.

ހައުސިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވަނީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އެމިނިސްޓްރީގެ މިނިސްޓަރުކަން ކުރެއްވި ޑރ.އަލީ ހައިދަރު އަހުމަދުއެވެ.

މި ލިސްޓާ ގުޅޭ ގޮތުން، ޕީޕީއެމް-ޕީއެންސީގެ އަދި އިންތިހާބީ ރައީސްގެ އޮފީހުގެ ރަސްމީ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ލިބޭ ގޮތެއް ނުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *