Ads by
ޚަބަރު
4000 ފްލެޓު ލިބޭ މީހުންގެ ލިސްޓާއި ގުޅިގެން މުޒާހަރާ ކުރުމުން ޝަކުވާއަށް ހުޅުވާލައިފި
ހައުސިން މިނިސްޓްރީ ތެރޭގައި މީހުން އެއްވެ މިއަދު އިހުތިޖާޖް ކުރަނީ. ފޮޓޯ: މިހާރު

މި ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން މިހާރު ހުޅުމާލޭގައި ތަރައްގީކުރާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ގިނަ ބަޔަކު ފާޑުކިޔުން އަމާޒުވުމުން އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Eki Online

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެއެވެ. އަދި ފޯމް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 13،000 އަށް ވުރެ ގިނަ މީހުންނަށް ފްލެޓު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ވަނީ 4،000 ފްލެޓު ލިބޭ މީހުންގެ ތަފްސީލު އާންމު ކޮށްފައެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން މިސަރުކާރަށް އަމާޒުވިއެވެ.

ހައުސިން މިނިސްޓްރީ އެލިސްޓް ނެރެފައިވަނީ އޮޅުވާލައިގެން ކަމަށް ބުނެ މިއަދު ގިނަ ބަޔަކު އަންނަނީ ހައުސިން މިނިސްޓްރީގައި އިހުތިޖާޖްކޮށްފައެވެ. އެގޮތުން ޕޮއިންޓް ދިނުމުގައި އެއްވެސް އިންސާފެއްނެތި ވަކި ބަޔަކަށް ދޭން ވެގެން ފްލެޓްތައް ބަހާފައިވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ.

އެގޮތުން ދިރިއުޅުމުގެ ހާލަތު ނުބަލައި ޕޮއިންޓު ދިނުމުގެ ސަބަބުން މާލެއިން ބިމާއި ގޯތި އަދި ފުލެޓު ލިބިފައިވާ ފަރާތްތަކަށް އަމިއްލަ ގެދޮރެއް ނެތް މީހުންނަށްވުރެ އިތުރަށް ޕޮއިންޓު ލިބިފައިހުރިކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ހައުސިން މިނިސްޓްރީން ވަނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ޝަކުވާ ހުށަހަޅަން ޖެހޭނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.
ހައުސިން މިނިސްޓްރީން ބުނީ ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށް ވެސް ހައުސިން މިނިސްޓްރީގެ އިއުލާންގައިވެއެވެ.

މިމައްސަލަ މިހާރު އޭސީސީންވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. މިކަމުގައި ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *