Ads by
ޚަބަރު
މާލޭ މޭޔަރުކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ވާދަކުރައްވަނީ
ޖަލްސާއެއްގައި އާޒިމާ ވާހަކަދައްކަވަނީ.. ފޮޓޯ: ދެން

މާލޭ މޭޔަރުކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވާދަކުރައްވަން ނިންމަވައިފިއެވެ.

Ads by Eki Online

އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލުމަށް ނިންމެވިކަން އިއުލާނުކުރައްވާ އާޒިމާ ވަނީ ނޫސް ބަޔާނެއް ނެރުއްވާފައެވެ.

އެ ބަޔާނުގައި އާޒިމާ ވިދާޅުވީ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް، ގަސްދުކުރެއްވީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުރި ފަރާތަކަށްވެފައި، ރައްޔިތުންނާ ގާތުން ހިދުމަތްކުރުމުގެ ޝައުގު ހުރުމުގެ ސަބަބުން ކަމަށެވެ. އަދި މާލެ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީ ކުރުމަށް އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރެވި، އެ ކަންކަން ދިވެހި ރައްޔިތުންނަށް ކޮށްދިނުމުގައި އިސްނެގުމަށް ބޭނުންވާތީ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވެފައިވަނީ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީން ގެނުވައިދިން އެންމެ ބޮޑު އެއް ބަދަލަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގެ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލު ކަމަށެވެ. އެގޮތުން ޒަމާނުއްސުރެ ވެރިކަމުގެ ފަރާތުން އައްޔަނުކުރައްވަމުން ގެންދެވި ކަތީބުންނާއި އަތޮޅުވެރިންނާއި އަވަށުވެރިންގެ ދައުރު ނިމުމަކަށް ގެނެސް، ރައްޔިތުންގެ ސީދާ އިންތިހާބުން އިހުތިޔާރުކުރާ ބަޔަކަށް މާލެ އާއި އަތޮޅުތައް އަދި ރަށްރަށުގެ ހިންގުން ހަވާލުކުރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ހިންގުމުގެ އޮނިގަނޑަށް ގާނޫނީ ބަދަލެއް ގެނެވުނު ނަމަވެސް ހިންގުމުގެ އޮނިގަނޑުގެ މުހިންމު ކަމަށާއި ރައްޔިތުންގެ ބޭނުންތަކަށް ބަދަލެއް ނާންނަ ކަމުގައެވެ. ހާއްސަ ގޮތެއްގައި މާލޭގެ ސަރަހައްދަށް އަންނަމުންދާ ބަދަލުތަކާ އެކު ހިންގުމުގެ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް، ހިންގުން ހަރުދަނާ ކުރުމުގެ ބޭނުންތެރިކަން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވެފައިވަނީ ކައުންސިލް އަދި މޭޔަރުގެ އޮފީހާއި ސަރުކާރާ ދެމެދު ހިނގަމުންދިޔަ ދެބަސްވުމާއި ޖެއްސުންކުރުމުގެ ވިސްނުންތަކުގެ ތެރެއިން މާލޭގެ ސަރަހައްދުގެ ތަރައްގީ އާއި ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތްތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ކަމަށެވެ.

މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ރައްޔިތުންނާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަމާއި ފުނިޖެހެމުންދާ އިޖުތިމާއީ އަދި ސިއްހީ މައްސަލަތަކަކީ މުއައްސަސާތަކުގެ ސިޔާސީ ހަނގުރާމައަކަށްވީ ނަމަވެސް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި އާއިލީ ދިރިއުޅުމާ ސީދާ ގުޅިފައިވާ ބޮޑެތި މައްސަލަތަކެއް ކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ މިއަދު މާލޭގެ ސަރަހައްދު އޮތް ހާލަތުން މިކަންކަމުގެ ސީރިއަސްކަން ކޮންމެ މީހަކަށް އިހުސާސްކުރެވޭނެ ކަމަށެވެ.

އަޅުގަނޑު ދެކޭގޮތުގައި މިއަދުގެ މި ހާލަތުގައި، (މާލޭގެ މޭޔަރު ކަމުގައި ހުންނެވި) ތައުލީމީ އަދި ގާބިލު ބޭފުޅަކު، ގައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ ވަގުތު، އެމަނިކުފާނުގެ ގައުމީ ވިސްނުންފުޅުތަކާ އެކު މާލޭގައި ހުރި ބޮޑެތި މައްސަލަތައްވެސް ހައްލުކޮށް، މާލެއަކީ ހަގީގީ މާނައިގައި، ދިވެހިރާއްޖޭގެ ވެރިރަށުގެ ގޮތުގައި، ތަރައްގީކުރެވޭނެ ގާބިލު، ކަމަށް އެކަށޭނަ ތެދުވެރި ދިވެހި ދަރިއަކު މޭޔަރުކަމުގެ މަގާމަށް އިސްކުރުމަކީ ގްރޭޓާ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމުގައި ވާނެއެވެ. ހާއްސަ ގޮތެއްގައި، ދިވެހިރާއްޖޭގެ ކޮމާޝަލް ކެޕިޓަލްގެ ގޮތުގައި އޮތް، ރާއްޖޭގެ އާބާދީގެ ½ ގެ ރައްޔިތުން ދިރިއުޅޭ، އަދި އެތައް ބަޔަކު އިތުރަށް ތައުލީމު ހާސިލުކުރުމަށާއި ބޭސްފަރުވާ ކުރުމަށާއި ވިޔަފާރިކުރުމަށް އަދި ދަތުރުފަތުރުގެ ބޭނުމަށް އައިސް އުޅެން ޖެހޭ ރަށް ކަމުގައިވާ މާލެ، އެންމެ ފުރިހަމަ މާނައިގައި ދިވެހިރާއްޖެ ރަމްޒުކޮށްދޭނޭ ހައިބަތުހުރި ތަނެއްގެ ގޮތުގައި ތަރައްގީވާން ޖެހެއެވެ. މި ކަންކަން ކުރުމުގައި، މިހާރުގެ މޭޔަރު އަދި އިންތިހާބީ ރައީސް އެކުލަވާލައްވާފައިވާ، މާލޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުގައި ތަންފީޒުކުރެވެން ޖެހެއެވެ. އަދި ހަމައެއާއެކު، މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާ އެކު، ގައުމީ އަދި ރަށު ފެންވަރުގައި އިތުރު ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އަދި މި މައްސަލަތަކަކީ ގައުމީ ފެންވަރުގައި ހައްލުތަކެއް ލިބިގެން ނޫނީ ހައްލު ނުލިބޭނެ ކަންކަމަށްވާއިރު، މި ކަންކަމުގައި ސަރުކާރާ އެކު މަސައްކަތް ކުރުމުގެ ވިސްނުންތައް އިސްކުރަންޖެހޭނެއެވެ.

– ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު

ރައްޔިތުންނަށް ދޭނެ ޔަގީންކަމަކީ މުރާލިކަމާ އެކު ރެޔާއި ދުވާލު ހިދުމަތުގައި ދެމިހުންނާނެ، ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު މަސައްކަތްކުރާނެ ފަރާތަކަށްވުން ކަމަށާއި ކޮންމެ ހާލެއްގައިވެސް ދިވެހި ގައުމުގެ މަސްލަހަތުތައް އިސްކުރާނޭ މީހެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނޭ ކަމުގެ ޔަގީންކަންދޭ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި ރައްޔިތުންނާ އެކު މަސައްކަތްކުރާނެ ވިއުގައެއް އުފައްދައި، މާލެ ސިޓީއަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއެކު ތަރައްގީކޮށް، އާއިލާ އާއެކު ދިރިއުޅެވޭނޭ ފަދަ ތަނަކަށް ހަދައިދޭނެ ކަމުގައެވެ. ގްރޭޓާ މާލެއަކީ ވިޔަފާރި އާއި ވަޒީފާތަކަށް މަގުފަހިވެފައިވާ އަދި ހުރިހާ ގިންތިއެއްގެ ހުރިހާ އުމުރެއްގެ، ހުރިހާ ހާލަތެއްގައިވާ ރައްޔިތުންނަށްވެސް ރައްކާތެރިކަމާ އެކު ދިރިއުޅެވޭނެ ތަނަކަށް ހަދައިދޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ ކޮންމެ ހިޔާލެއްގައި ހުރި ނަމަވެސް އެމީހަކާ އެކު އެކަމަނާއަށް މަސައްކަތް ކުރެވޭނޭ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

އަޅުގަނޑުގެ ދައުވަތަކީ، 17 ނޮވެމްބަރުގައި ހުވާކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކު، ގްރޭޓާ މާލޭގެ ސަރަހައްދަކީ އަޅުގަނޑުމެން އެންމެންނަށް ފަހުރުވެރިވެވޭނޭ، 21 ވަނަ ގަރުނުގެ ޒަމާނީ ތަހުޒީބާއި ތަމައްދުނުގެ ހައިބަތުހުރި ކެޕިޓަލް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އަޅުގަނޑާ އެކު އަތުގުޅާލެއްވުމެވެ. އަޅުގަނޑުމެން އެންމެން އެކުގައި މިކަމަށް ކެރިގެން ކުރިމަތިލުމެވެ.

– ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު

ގައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެންގެ މަސައްކަތުން ކަމަށާއި އެންމެން އެކައްޗެއް ކިޔައި، އެންމެން އެއް އަމާޒަކަށް މަސައްކަތްކޮށްގެންކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވެފައިވަނީ މި މަސައްކަތަކީވެސް އެންމެންނަށް އެކުގައި ނޫނީ ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އާޒިމާ ވިދާޅުވި ގޮތުގައި މިކަމަށް ބޭނުން ވަނީ ބައިބައިވުމާއި ވަކިވަކިވުމުގެ ވިސްނުންތައް ދޫކޮށް، މުޖުތަމައުގެ މަސްލަހަތު އިސްކުރުން ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *