Ads by
ޚަބަރު
އެލް ކްލެސިކޯ: ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އަލުން އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު ރަށުން ބޭރުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Ads by Eki Online

މި ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާރ ސިޓީ ދޫކޮށް ބާސާއަށް ބަދަލުވި، އިލްކައި ގުންޑޮގާން މެޗު ފެށިގެން 6 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނެވެ. އެއީ މިދިޔަ އަހަރު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ދެ ލަނޑު ޖެހި ފަހުން އޭނާ ޖެހި ފުރަތަމަ ގޯލެވެ.

ބާސާގެ ގޯލު މެޑްރިޑަށް ފޫއަޅުވާލެވުނީ 68 ވަނަ މިނެޓުގައި ބެލިންގްހަމް ކާމިޔާބުކުރި މޮޅު ގޯލަކުންނެވެ. މިއީ ބާސެލޯނާގެ ގޯލާ 30 ޔާޑު ދުރުގައި ހުރެފައި މަތީ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުން މޮޅުވި ގޯލު، މެޗުން ނިމެންދަނިކޮށް، އިތުރު ވަގުތުގެ 2 ވަނަ މިނެޓުގައި ވެސް ކާމިޔާބު ކޮށްދީފައިވަނީ ބެލިންގްހަމްއެވެ.

މެޗުން މޮޅުވެ ރެއާލް ވަނީ 28 ޕޮއިންޓް ހޯދައި ތާވަލުގެ އެއްވަނައިގައި ހަމަޖަހިލައިފައެވެ. ބާސާ އޮތީ ތިންވަނައިގައެވެ. ދެވަނައިގައި އޮތް ޖިރޯނާ އަށް ވެސް ލިބިފައި ވަނީ 28 ޕޮއިންޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *