Ads by
ޚަބަރު
ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އދ ގައި ރާއްޖެއިން ގޮވާލައިފި
ފޮޓޯ: ފޮރިން މިނިސްޓްރީ

ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަޙައްމަލު ކުރަމުންދާ ދަތި ހާލާއި، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް މިހާރުން މިހާރަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބި ލަސްވަމުންދާތީ، ދުނިޔޭގެ ޤައުމުތަކުން މިކަމަށް މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން އދ ގައި ގޮވާލައިފިއެވެ.

Ads by Eki Online

ރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 78ވަނަ ސެޝަނުގެ އިގްތިސާދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގައި އިރުމަތީ ގުދުސް ހިމެނޭހެން، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައިވާ ގުދުރަތީ ވަސީލަތްތަކާއި ގުޅޭގޮތުން ތާވަލުކޮށްފައިވާ މައްސަލައިގެ އާއްމު ބަހުސްގައި ރާއްޖެއިން ދިން ބަޔާނުގައެވެ.

މި ބަޔާނުގައި ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ ޙަމަލާތަކާއި ޚާއްސަކޮށް ޣައްޒާގައި މިހާރު ހިންގަމުންގެންދާ ލާއިންސާނީ ޙަމާލާތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މީގެ އިތުރުން އާއްމުންނާ ހަނގުރާމަވެރިންނާއި ތަފާތު ކުރުމެއްނެތި ދެވޭ ހަމަލާތަކަކީ “ކަލެކްޓިވް ޕަނިޝްމަންޓް”ކަން ފާހަގަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯތަކެއް ހުޅުވުމުގެ މުހިއްމުކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި ހަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށް ވެސް ރާއްޖެއިން ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

އަދި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ރައްޔިތުން އެތަން ހުސްކުރުމަށް އިޒްރޭލުން އެންގި އެންގުމަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާ ބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށް އެ އަމުރު އަނބުރާ ގެނައުމަށްވެސް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.

ދިވެހިރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އެއްވެސް ޝަރުތެއްނެތި ތާއިދުކުރަމުންދާނެކަން ތަކުރާރުކޮށް ގޮވާލައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *